ރާއްޖޭގައި ދުއްވާ ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ސަލާމަތާ ބެހޭ ގަވާއިދުގައި އަންގާ ތަކެތި ހަމަ ނުވާ ނަމަ އެ އުޅަނދެއްގެ ސީވާދިނަސް ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހއްދުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގައި ހިމެނޭ ކަންތައްތައް އަންނަ ޖެނުއަރީ މަހުގެ 16 ގެ ކުރިން ފުރިހަމަ ކުރުމަށް އަންގާ ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެތަކެތި ހަމަ ނުކުރާ އުޅަނދުތަކުގެ ސީވާދިނަސް ބާތިލް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް އަދި ސުވޭޖް ސެޓްފިކެޓް ފުރިހަމަކުރަން ޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ހަމައެއާއެކު އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ފަހު ދޫކުރާ ލިޔުމާއި، ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮންނަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ.

މީގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުން، ވެސެލް ޓްރެކިން ޑިވައިސް ހަރުކޮށްފައި ހުރުން، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން، އަދި ދުއްވާ އުޅަނދުތަކުގައި މުވާސަލާތީ އާލާތްތައް ހުރުން އަދި މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ޓްރާންސްޕޯޓުން ގަވާއިދު އާންމު ކޮށްފައި މިވަނީ މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާ ބައެއް މީހުންގެ ފުރާނަ ގެއްލި އެތައް ބަޔަކަށް އަނިޔާތައް ލިބި މުދަލާއި ތަކެއްޗަށް ގެއްލުން ވެ، ކަނޑު އުޅަނދުފަހަރުގައި ލައިފްޖެކްޓް ފަދަ އެއްޗެހި އެޅުން މަޖުބޫ ނުކުރާ މައްސަލައިގައި އާންމުންގެ ކަނބޮޑުވުމާއި ނުރުހުން ޓްރާްނސްޕޯޓު މިނިސްޓްރީއަށް އަމާޒުވުމުންނެވެ.