ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން އަންނަ އަފްގާނިސްތާނުގައި ނަގުދު ފައިސާއާއި ހަކަތައިގެ ދަތިކަމެއް ނެތް ކަމަށް، އޯގަސްޓް މަހުގެ މެދަކާ ހިސާބުން އެ ގައުމުގެ ކޮންޓްރޯލް ނެގި، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ބުނެފިއެވެ.
އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯންއާ ވާހަކަ ދައްކަމުން، ތޯލިބާން ސަރުކާރުގެ މާލީ ވުޒާރާގެ ތަރުޖަމާނު އަހުމަދު ވާލީ ހަގުމާލް ބުނީ، އަފްގާނިސްތާނަށް ހަކަތައިގެ ދަތިކަން ކުރިމަތިވެފައި ނުވާ ކަމަށެވެ. ހަކަތައިގެ ސަޕްލައި ތިޔާގި ކުރުމަށް މިހާރުވެސް ސަރުކާރުން ފިޔަވަޅު އަޅާފައި ވާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް ދަށަށް ދާނެ ކަމަށެވެ.
އަފްގާނިސްތާނުގައި ތަދު އެއްވެސް އެއްޗެއް ނެތް ކަމަށާ، ތުރުކަމަނިސްތާނާއި އިރާން މަގުން، 200 ޓްރަކު ފުރާ ހަކަތަ އެތެރެ ކުރީ މީގެ ދެތިން ދުވަސް ކުރިން ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި، އަފްގާނިސްތާނުގެ ހުރިހާ ހިސާބަކަށް އެ ސަޕްލައި ފޯރާނެ ކަމަށްވެސް އެނާ ވަނީ ބުނެފައެވެ. ކުރިއަށް އޮތް 5 ދުވަހާއި 10 ދުވަހާ ދެމެދު މުއްދަތުގެ ތެރޭގައި، ހަކަތައިގެ އަގުތައް ދަށަށް ދާތަން ފެންނާނެ ކަމަށްވެސް ހަގުމާލް ވަނީ ބުނެފައެވެ.
މުވައްޒަފުންގެ މުސާރަ ދިނުން ލަސްވަމުން ދާ މައްސަލައާއި، ނަގުދު ފައިސާގެ ރިޒާވް ދަށްވަމުން ދާ މައްސަލާގައި ސުވާލު ކުރުމުން ތޯލިބާނުންގެ ތަރުޖަމާނު ވަނީ، ދައްކަން ޖެހޭ ފައިސާއެއް ދައްކާ ހަލާސް ކޮށްފައި ވާ ކަމަށް ބުނެފައެވެ.
ހަގުމާލް ބުނީ ހުރިހާ މުވައްޒަފުންގެ މުސާރަ ދިނުމަށް މާލީ ވުޒާރާ އޮތީ ތައްޔާރަށް ކަމަށާ، 90 ޕަސެންޓް މުވައްޒަފުންނަށް މިހާރުވެސް މުސާރަ ދީފައި ވާ ކަމަށެވެ. އަދި ދެން ތިބި މުވައްޒަފުންނަށް މުސާރަ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށް އެނާ ބުނެފައި ވެއެވެ. ނަގުދު ފައިސާގެ ރިޒާވްއާ ބެހޭ ގޮތުން ހަގުމާލް ބުނީ، ގައުމުގައި ހުރި ވަރެއް އެނގޭނީ ބޭންކުތަކަށް ކަމަށެވެ.
ރަޝިއާގެ ޓަސް ނިއުސް އޭޖެންސީއާ ހަވާލާދީ ވިއޯން އިން ރިޕޯޓް ކުރާ ގޮތުގައި، ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަން ނެގި ފަހުން، އަފްގާނިސްތާނުގެ ރައްޔިތުން ދަނީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އަދި ޒަރޫރީ މުދަލުގެ އަގުތައް އިންތިހާއަށް އުފުލެމުން އަންނަ ކަމަށްވެސް ހަބަރު ލިބެއެވެ.
އޯގަސްޓް މަހުގެ ކުރީ ކޮޅުން ފެށިގެން މިހާތަނަށް ބަލާއިރު، ހަކަތައިގެ އަގު، 20 ޕަސެންޓުން 40 ޕަސެންޓަށް އުފުލިފައި ވާ ކަމަށް ވިއޯންއިން ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ އަގުތައްވެސް އުފުލިފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ކާބުލްގެ ރަށްވެއްސަކާ ހަވާލާދީ ވިއޯން އިން ބުނީ، ދިރިއުޅުމުގެ ހަރަދުތަކަށް ކުރަން ޖެހޭ ހޭދަ، 30 ޕަސެންޓް އިތުރު ވެފައި ވާ ކަމަށެވެ. އަދި ތަރުކާރީއާއި ސީރިއަލް ފަދަ ބާވަތްތަކުގެ އަގުތައް 50 ޕަސެންޓް އުފުލިފައި ވާ ކަމަށެވެ. ބޭސްވެރިކަމާ ގުޅުން ހުރި އުފެއްދުންތައްވެސް ލިބުން ދަތި ކަމަށް މައުލޫމާތު ލިބެއެވެ.
ބޭންކުތަކުގެ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ނެގޭނެ މިންވަރުވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ހަފުތާއެއްގެ މައްޗަށް، 200 އެއްހާ ޑޮލަރަށް ވުރެ އިތުރަށް ފައިސާ ނެގޭނެ އިންތިޒާމެއް މިހާރަކު ނޯވެއެވެ. އެއީ ތޯލިބާން ސަރުކާރުގެ އަމުރެއްގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.