މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މި މަހުގެ 14 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއް ލީކުވުމާ ގުޅިގެންނެވެ.
އެ ސިޓީގައި ބުނެފައި ވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނޫން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެ ސިޓީގައި ބުނެއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އެންގުމަށާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.
މި ސިޓީއާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ރައީސް އޮފީހުން މިކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ.
އިމްރާން ސައިޒް ވެއްޖެ. ދައުލަތުގެ އިދާރީ ހިންގުން ހުރިވަރު މި އެނގެނީ. މާރޗްމަހުން ފެށިގެން ވަކިކުރިކަން މި އަންގަނީ އަހަރު ނިމޭއިރު. ދެން އޭގެކުރިން މިނިސްޓަރ އަންގައިގެން އެޅި ފިޔަވަޅުތައް ބާތިލްވީތޯ. ތިޔަތަން ހިންގުން ކެނެރީގެއަށް ބަދަލުކުރަން ފެނޭ