ކަނޑު ދަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގަރާރެއް ހުށަހެޅިތާ 2 އަހަރު ވީއިރު ސަރުކާރު އަޅާ ނުލައި އޮއްވާ ކަނޑުމަތީގެ ހާދިސާއެއް ހިނގައި މަރިޔަމް ނާހިދާ ނިޔާވި މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރާ ގޮތަށް އޭނާ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް މިހާރު 2 އަހަރުވެފައިވާ ކަމަށާއި ސަރުކާރުން އެ ގަރާރަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ. ހަމައެއާއެކު އެ ގަރާރަށް މަޖިޅިހުގެ ތަޅުމުގައި ވެސް މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެފައި ނުވާ ކަަމަށް އާދަމް ޝަރީފް ވިދާޅުވެ މި ސަރުކާރަށް އޭނާ ފާޑު ވިދާޅުވިއެވެ.
ކަނޑު ދަތުރު ކުރުމުގެ ރައްކާތެރިކަން ހޯދޭނީ ގާނޫނުތަކާއި ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށްގެން ކަމަށާއި އަދި އެކަން ތަންފީޒުކޮށްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަން ކާމިޔާބު ކުރެވޭނީ ގާނޫނީ ވާޖިބާއި ފަރުދީ ޒިންމާވެސް އަދާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވާފައި ވަނީ ކަނޑުދަތުރު ކުރުމުގައި، ސަލާމަތާއި ރައްކާތެރިކަން ކޮންމެހެން ދޭންޖެހޭ ކަންކަމުަގައި އެކަން ނުކުރުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައެވެ. ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެ ގާރާރުގައި ބުނެފައި ވެއެވެ.
މިގަރާރު އާދަމް ޝަރީފް ހުށަހަޅުއްވާފައި ވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ކުރީ ކޮޅެއެވެ. އެއީ އެ އަހަަރުގެ އޮގަސްޓް މަހު 29 ވަނަ ދުވަހު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރެކެވެ. އެ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރޭގައި ހިމެނޭ ނޮޅިވަރަމްފަރުގެ މުދައްރިސް، ހުސެއިން އަބްދުﷲގެ ދެމަފިރިންނާއި އަންހެން ދަރިފުޅު ފާތިމަތު ގުރައިޝާއާއި އޭނާގެ 3 އަހަރުގެ ދަރިފުޅު އީރާ ހަސަން ޝިފާޒާއި އެރަށު ވީނަސް، އައިޝަތު އަލީ ވަނީ އޭ ހާދިސާގައި ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން އެ ދުވަސް ވަރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑުދަތުރު ކުރުމުގައި ސަލާމަތީ ކަންކަން ކުރުމަށް އިލްތިމާސްކުރުމަށް އަންގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ވިއްސާރަ ދުވަސްތަކުގައި މީހުން އުފުލާ އުޅަނދު ފަހަރުގައި ދަތުރުކުރާ އިރު އެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަައި ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށެވެ. އެ އޮތޯރިޓީން ވަނީ ކަނޑުދަތުރު ކުރާއިރު އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހަނދާން ކޮށްދީފައެވެ.
- އުޅަނދަށް ފަސިންޖަރުން އަރުވާފައިވަނީ ހުއްސަ ކޮށްފައިވާ މިންވަރަށް ކަން ޔަގީން ކުރުން.
- ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން.
- ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން.
- މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުން.
- ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާ ވަރަށް ތެލާއި، ހަކަތަ އަދި ފެން ހުރިކަން ޔަގީން ކުރުން.
- ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސަލާމަތާއި ރައްކާތެރި ކަމާއިއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން.
- މޫސުމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުން.
- ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމާ އެކު ކަން ކަށަވަރުކުރުން.
- ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން.
ހދ. އަތޮޅުގައި މީގެ 2 އަހަރު ކުރިން ހިނގި ހާދިސާ އަށް 2 އަހަރު ފަހުން މި ވަނީ ކަނޑުމަތީގެ އިތުރު ހާދިސާއެއް ހިނގައި އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ ނިޔާވެފައެވެ. އަދި މި ހާދިސާގައި ވަނީ އޭނާގެ 4 އަހަރުގެ ފިރިހެން ދަރިފުޅު ޖުޔަލް ޖިނާހުގެ ކަނޑަށް ވެއްޓި ވަނީ ގެއްލިފައެވެ.
އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށް ކޯސްޓް ގާޑުން ބުނެއެވެ.