އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރުވެރިޔާ މަހުމޫދު އަބޫބަކުރުގެ ކަށު ނަމާދަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީ މީހާ ގޮސް ހުއްޓާ ފެންނަ ފޮޓޯ އާންމުވެއްޖެއެވެ.
އެ ފޮޓޯގައި ކަށު ނަމާދު ކުރި ވަގުތު އެ ތަނުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާ، މުހައްމަދު ސާލިމް ހުންނަތަން ފެނެއެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ސާލިމް ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އެއީ މި މައްސަލައިގައި ސާލިމް އަށް ތުހުމަތު ކުރެވޭތީ، ތަހުގީގަށް ސާލިމް ގެންދިޔަ އިރު ވެސް އޭނާ ލައިގެން ހުރި ގަމީހެވެ.
ސާލިމް އަކީ އެރަށުގެ ނެދުންގޭގައި ދިރިއުޅުނު ބިދޭސީއެކެވެ. އެ ގޭގައި ސާލިމް ހުންނަނީ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށެވެ. އެ ގޭގައި ދިރިއުޅެނީވެސް އެދެމީހުން އެކަންނެވެ. ނެދުން ގެއަކީ މަހުމޫދު މަރާލާފައި ފައްތާފައި އޮތް ފެންވަޅު ހުންނަ ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެކެވެ.
މި މައްސަލައިގައި ފުލުހުން ސާލިމްއާ ސުވާލު ކުރީ އެރަށުގެ މީހަކު ދިން ހެކި ބަހުން އޭނާގެ މައްޗަށް ޝައްކު ކުރެވިގެންނެވެ. އެ ރަށު މީހަކު ބުނެފައިވާ ގޮތުގައި މަހުމޫދު އެންމެ ފަހުން ފެނުނު، މިދިޔަ ބުދަ ދުވަހުގެ ރޭގެ ދަން ގަޑިއެއްގައި ނެދުންގޭ ކައިރިން މީހަކު ވަރަށް ބާރަށް ހަޅޭއްލަވައިގެން އަޑު އިވުނު ކަމަށާއި އަދި އެގޭ ތެރެއިން މީހަކު އެއްޗެއް ދަމާފައި ގެންދާ ތަން ފެނުނު ކަމަށް ބުނެފައި ވެއެވެ. އެ ރަށު މީހަކު ދިން ބަޔާނަށް ފަހު ފުލުހުން ވަނީ ނެދުންގެ ބަލައި ފާސްކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރު ކޮށްފައެވެ. އެއަށް ފަހު ކުށުގެ ވެއްޓަށް ގެންގޮސް މަހުމޫދު މަރާލުމުގައި ސާލިމް ކަން ކުރި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.
މިހާރު ސާލިމްގެ ބަންދަށް ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ އާއިލާއިން، މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް ފައްތާފައެވެ.
މަހުމޫދުގެ ހަށިގަނޑު ނަގައި ފޮރެންސިކް އިން ޓެސްތުތައް ހެދުމަށް ފަހު ވަނީ އޭނާ ގެ ހަށިގަނޑު އަނބުރާ ދަނގެއަޗަށް ފޮނުވާލާފައެވެ. މަހުމޫދުގެ ޖަނާޒާ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު ކުރިއަށް ދިޔަ އިރު އޭނާ ވަޅުލައި ކަށު ނަމާދު ކޮށްފައި ވަނީ އަސްރު ނަމާދަށް ފަހުއެވެ. އެ ޖަނާޒާ ގައި އެ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެފައިވާ އިރު މިއީ ގަސްތުގައި މީހަކު މަރާލާފައި އޮއްވާ އެ ރަށުން ފެނުނު ފުރަތަމަ ފަހަރެވެ.