ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 351،169 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 393،679 މީހުންނެވެ. އޭގެތެރެއިން 351،169 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެދުވަހު މާލެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ، 136 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި 21 މީހަކާއި ދެވަނަ ޑޯޒް ޖެހި 115 މީހެކެވެ. ހަމައެއާއެކު އެދުވަހު އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ ޖުމްލަ 362 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 47 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 315 މީހެކެވެ.

ކޮވިޑް އަށް މިހާރު ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވާތީ، އެކަމާ ގުޅިގެން ރަށްރަށަށް ދަތުރު ކުރުމުގައި ލުއިތަކެއް އަންނަނީ ދެމުންނެވެ.

ނަމަވެސް މިހާރު އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 6 މަސް ވެފައިވާ މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ބޫސްޓާއެއް ޖަހަން ނަން ނޯޓު ކުރުމަށް އަންގާފައެވެ.