އަންނަ ހުކުރު ދުވަހު ޕީޕީއެމްގެ ފަރާތުން މާލޭގައި މިނިވަންކަމުގެ ހިންގާލުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 'މިނިވަން ކަމުގެ ހިންގާލުން' ނަމުގައި ހިނގާލުމެއް ބާއްވަން އެ ކޯލިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހިނގާލުން ފަށަނީ އެ ދުވަހުގެ ހަވީރު 4:00 ޕީޕީއެމް ދޮރު މަތިން ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ. އެ ކޯލިޝަނުން މިފަދަ ހިނގާލުންތައް ބާއްވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކޮށްދިނުމަށް ގޮވާލަމުންނެވެ.

މީގެ ކުރިން އެ ކޯލިޝަނުން ވަނީ "އިންސާފް ހޯދަން" ނަމުގައި ހިގާލުމެއް ބާއްވާފައެވެ. އަދި އައްޑަނަ ނަމުގައި ކާނިވަލް ސަރަހައްދުގައި ޖަލްސާއެއް ވެސް ވަނީ ބާއްވާފައެވެ.

ޔާމީންގެ މައްސަލައިގައި ޕީޕީއެމްގެ މެންބަރުންނާއި ސަޕޯޓަރުންގެ އަޑު މި ސަރުކާރަށް އިއްވުމަށް މިފަދަ ހިނގާލުންތައް ބާއްވާ އެމީހުންގެ ޝުއޫރުތައް ފާޅުކޮށް ހަދައެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯތުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ.

ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ހުކުމް އިއްވަމުން މި މަހުގެ 5 ވަނަ ދުވަހު ބުނެފައި ވަނީ، ކަފާލާތުގެ ދަށޫން ޔާމީން ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ވެސް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ޔާމީންގެ މައްވށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއެކު ކޮށްފައިވާ ފަަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ވަނީ ފަސްކޮށް ދީފައެވެ.