ފުލުހުން މިދިޔަ ހުކުރު ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) އާއި ފޮރެންސިކްސް އާއި ރ. އަތޮޅުގެ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެދުވަހު ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފައެވެ.

އެ މައްސަލާގައި ދެ މީހުން ހައްޔަރުކުރި އިރު، އެ ދެ މީހުންގެ ބަންދަށް ރ. މަޑުއްވަރީ ކޯޓުން އިއްޔެ 15 ދުވަސް ޖަހައިދީފައިވާ ކަމަށް ބުންޏެވެ.

ހުކުރު ދުވަހު 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، އޭގެ ކުރީ ދުވަހު 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު، ފުލުހުން ވަނީ 10 މީހުން ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ކޯޓުން ބަންދުގެ މުއްދަތު ޖެހި މީހުންގެ ވަނަވަރު ފުލުހުން ވަނީ މިއަދު އާންމުކޮށްފައެވެ.

ނަމަވެސް އޭގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައި ކަމަށާއި، އެހެންވެ، އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.