ރާއްޖެއަށް ކަނޑުމަގުން 100 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅުނު މައްސަލާގައި މިމަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހި އަށް މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މި މައްސަލާގައި 10 މީހުން. ހައްޔަރުކުރި އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި އަށް މީހަކަށް ކޯޓުން ވަނީ މުއްދަތު ޖަހައިފަ އެވެ.
10 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރި މީހުން
- ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)
 - ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ)
 - ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ)
 
15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރި މީހުން
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)
 - ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން (61އ)
 - ބަނގްލަދޭޝް، އެމްޑީ ރަފީޤުލް އިސްލާމް (35އ)
 - ބަނގްލަދޭޝް، ޑީއެމް މޮބިން
 
ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރި މީހުން
- ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ)
 
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި ދެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުން ކަމަށާއި، އެހެންވެ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ވަނީ ފާސްކޮށްފައި ކަމަށާއި، ބެލި ބެލުމުން 100 ކިލޯގެ މަސްތުވާތަކެތި ފެނިފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.
މިގޮތުން ދާދިފަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ދަނީ މި މައްސަލަތައް ބަލާ ތަހުގީގު ކުރަމުންނެވެ.
