ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ހިންގޭ ލިމިޓް 500 ޑޮލަރަށް އިތުރުކުރިތާ ތިން މަސް ފަހުން، ބީއެމްއެލުން އެ އަދަދު 750 ޑޮލަރަށް އިތުރު ކޮށްފިއެވެ.

އެހެންކަމުން، ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން މިއަދުން ފެށިގެން މަހަކު 750 ޑޮލަރުގެ މުއާމަލާތްތައް ކުރެވޭނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރުކޮށް، ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން، ޑޮލަރު މަދުވިޔަ ނުދިނުމަށްޓަކައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބީއެމްއެލުން ކްރެޑިޓް ކާޑުގެ ލިމިޓް މަހަކު 200 ޑޮލަރަށް ކުޑަ ކުރިއެވެ.

ނަމަވެސް، ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑުގެ ލިމިޓަކަށް ބަދަލެއް ނުގެނެއެވެ. އެގޮތުން، ޑެބިޓް ކާޑުގެ ލިމިޓަކީ ކުރިންވެސް ކަނޑައަޅާފައިވާ 250 ޑޮލަރެވެ. އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކަނޑައަޅާފައިވާ 750 ޑޮލަރެވެ.

އެހެންނަމަވެސް ހަމަ ކުރިއެކޭ އެއްގޮތަށް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންތައްތަކުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓް ދެމުން ދާނެ ކަމަށާއި، އިންޓަނެޓު ބޭންކިން ހިދުމަތް މެދުވެރިކޮށް މި ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ ރާއްޖޭގެ އިގްތިސޯދީ ހާލަތަށް އަންނަމުންދާ ބަދަލުތައް ބަލަމުންދާ ކަމަށާއި، ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާ ކުރާނެ ކަމަށެވެ.