އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރުވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި އެ ރަށުގައި އުޅޭ ބިދޭސީއަކު މިއަދު ހައްޔަރު ކޮށްފިއެވެ.
މި މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މިއަދު އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އަދި މި މައްސަލައިގައި އިތުރު މައުލޫމާތު އާންމުންނާ ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ފުލުހުން ހައްޔަރު ކުރީ މިއަދު ހެނދުނު ފުލުހުން ބަލައި ފާސްކުރި ނެދުންގޭގައި އުޅޭ ބިދޭސީ މީހާއެވެ. އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އެމީހާ ބަލަން ހުންނަ ބިދޭސީ މީހާ އެކަންޏެވެ. އެގެ ބަލައި ފާސްކުރުމަށް ފަހު އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ ވަނީ އެހެން ގެއަކަށް ބަދަލު ކޮށްފައެވެ.
ނެދުން ގެއަކީ މަހްމޫދު މަރާލާފައި އޮއްވާ ފެނުނު ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެވެ.
މީގެ ކުރިން މި މައްސަލައިގައި އެ ރަށުގައި ތިބި ތިން މީހަކު ވަނީ ފުލުހުން ހިމާޔަތް ދީފައެވެ. އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ތިން މީހުން ވަނީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެ ތިން މީހުންނަށް ފުލުހުން ހިމާޔަތް ދީފައި ވަނީ މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކަމަށެވެ.
ފުލުހުން ހިމާޔަތް ދިން ކަމަށް ބުނާ ތިން މީހުންނަކީ ވެސް އެރަށު ބައެއް ނޫނެވެ. ދެ ފިރިހެނަކާއި އަންހެނަކު ހިމެނޭ އިރު އޭގެތެރޭގައި ހިމެނޭ ދެ ފިރިހެނުންނަކީ ތޮއްޑުއަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެ ފިރިހެނުންގެ މަންމަ އަކީ ދަނގެތި މީހެއް ކަމަށާއި މީގެ ކުރިން ތޮއްޑޫގައި އުޅުމަށް ފަހު އެ ރަށަށް ބަދަލުވެފައި ވަނީ ވެސް އެ ދެމީހުން ތޮއްޑޫގައި ހިނގި ހަމަނުޖެހުމެއްގައި އެ ރަށު މީހުން ހިތް ހަމަނުޖެހިފައި ތިބުމުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުލުހުން ހިމާޔަތް ދިން އަންހެން މީހާ އަކީ އެ ދެ ފިރިހެނުންނާއެކު އެ ރަށަށް ގޮސް އިން މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި އޮންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް ފައްތާފައެވެ.
މަހުމޫދުގެ ހަށިގަނޑު ނަގައި ފޮރެންސިކް އިން ޓެސްތުތައް ހެދުމަށް ފަހު ވަނީ އޭނާ ގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންގޮސްފައެވެ. މަހުމޫދުގެ ޖަނާޒާ އިއްޔެ މެންދުރު ފަހު ކުރިއަށް ދިޔަ އިރު އޭނާ ވަޅުލައި ކަށު ނަމާދު ކޮށްފައި ވަނީ އަސުރު ނަމާދަށް ފަހުއެވެ. އެ ޖަނާޒާ ގައި އެ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެފައިވާ އިރު މިއީ ގަސްތުގައި މީހަކު މަރާލާފައި އޮއްވާ އެ ރަށުން ފެނުނު ފުރަތަމަ ފަހަރެވެ.