މިދުވަސްވަރަކީ މޫސުން ގޯސްވެ ވައިބާރު ދުވަސްވަރެއް ކަމުން ސިނަމާލެ ބްރިޖް މަތިން ދަތުރުކުރާ މީހުން ސަމާލުވުމަށް އަންގައިފިއެވެ.

މިފަދައިން އަންގާފައި ވަނީ ނެޝަނަލް ޑިސާޒްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ނެވެ.

މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖަކީ ވަރަށް ހާމަކަން ބޮޑުކޮށް ފަރުމާކޮށް އަޅާފައިވާ ބްރިޖެކެވެ. ހިޔާވާނެ އެއްވެސް ތަނެއް އެ ބްރިޖުގައި ނުހިމެނޭ އިރު، ވައި ގަދަވެ ބޯކޮށް ވިއްސާރަ ވެހޭ ވަގުތުތަކުގައި ބްރިޖް މަތިން ދަތުރު ކުރުމަކީ އުނދަގޫތަކާ ކުރިމަތިވާ ކަމެކެވެ.

އާންމުކޮށް މާލެ ސަރަހައްދުގައި އުޅަނދު ފަހަރު ދުއްވަން ގަވާއިދުގައި ބުނާ ސްޕީޑަށް ވުރެ ބްރިޖް އަދި ހައިވާގައި ދުއްވަން ބުނާ ސްޕީޑް މައްޗެވެ. އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ސައިކަލު ފަދަ އުޅަނދުތައް ދުއްވާ އިރު، ބެލެންސް ނުވެ، ކަހާލައިގެން ނުރައްކާތެރި އެކްސިޑެންޓް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ބްރިޖުމަތިން ދަތުރު ކުރުމަށް މި ދުވަސްވަރު ސަމާލު ވުމަށް އަންގާފައިވާ އިރު، މީގެ ކުރިން ވެސް ބްރިޖް މަތީގައި ވަނީ ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގާފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން އެންޑީއެމްއޭ އިން ސަމާލުވާން އަނގާފައިވާއިރު މި ދުވަސްވަރު މޫސުމާ ބެހޭ އިދާރާއިން ވެސް އަންނަނީ މޫސުމާ ގުޅޭ ގޮތުން ސަމާލުވުމަށް އިންޒާރު ދެމުންނެވެ. އެ ގޮތުން ރޭ ދަންވަރު 12:30 އިން މިއަދު ހެނދުނު 8:30 އަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ނެރުނު ޔެލޯ އެލާޓު ވަނީ މިއަދު ހަވިރު 4:30 އަށް އެލާޓް ވަގުތު އިތުރު ކޮށްފައެވެ. މޫސުން ލަފާ ކުރާ ގޮތުގައި މިއަދު ހަވީރު 4:30 އާ ހަމައަށް މުޅި ރާއްޖެއަށް ވަގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެ ގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.