އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރުވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި އެ ރަށުގެ ގެއެއް ބަލައި ފާސް ކުރަން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ފުލުހުން ބަލައި ފާސްކުރި ގެއަކީ ނެދުން ގެއެވެ. އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އެމީހާ ބަލަން ހުންނަ ބިދޭސީ މީހެކެވެ. އެގެ ބަލައި ފާސްކުރުމަށް ފަހު އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ ވަނީ އެހެން ގެއަކަށް މިހާރު ބަދަލުކޮށްފައެވެ. ނަމަވެސް އަދި އެ ބިދޭސީ މީހާ ހައްޔަރު ކޮށްފައި ވާ ކަން ކަށަވަރެއް ނުވެއެވެ.
މި މައްސަލައިގައި ރަސްމީކޮށް ފުލުހުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ހަމައެކަނި ފުލުހުން ހާމަކުރީ ދަނގެތީގައި މީހަކު މަރާލާފައި އޮވާ ފެނުނު ކަމާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެރަށަށް ފުރާފައިވާ ކަން އެކަންޏެވެ. ފުލުހުންގެ ޓީމެއް މިހާރު ވެސް ނެދުންގެ ހުންނަ ސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.
ނެދުން ގެއަކީ މަހްމޫދު މަރާލާފައި އޮއްވާ ފެނުނު ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެވެ.
މީގެ ކުރިން މި މައްސަލައިގައި އެ ރަށުގައި ތިބި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، އެ ތިން މީހުން ވަނީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެ ތިން މީހުންނަށް ފުލުހުން ހިމާޔަތް ދީފައި ވަނީ މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގައި ހިންގި ހަމަނުޖެހުމުގައި އެމީހުންނަށް ގެއްލުންތަކެއް ވެދާނެތީ ކަމަށް ބެލެވޭތީ ކަމަށެވެ.
ފުލުހުން ހިމާޔަތް ދިން ކަމަށް ބުނާ ތިން މީހުންނަކީ ވެސް އެރަށު ބައެއް ނޫނެވެ. ދެ ފިރިހެނުންނާއި އަންހެނަކު ހިމެނޭ އިރު އޭގެތެރޭގައި ހިމެނޭ ދެ ފިރިހެނުންނަކީ ތޮއްޑޫއަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެ ފިރިހެނުންގެ މަންމަ އަކީ ދަނގެތި މީހެއް ކަމަށާއި މީގެ ކުރިން ތޮއްޑޫގައި އުޅުމަށް ފަހު އެ ރަށަށް ބަދަލުވެފައި ވަނީ ވެސް އެ ދެމީހުން ތޮއްޑޫގައި ހިނގި ހަމަނުޖެހުމެއްގައި އެ ރަށު މީހުން ހިތް ހަމަނުޖހެިފައި ތިބުމުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުލުހުން ހިމާޔަތް ދިން އަންހެން މީހާ އަކީ އެ ދެ ފިރިހެނުންނާއެކު އެ ރަށަށް ގޮސް ތިބި ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހްމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެއީ އެ އާއިލާއިން ،މަހަމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެނގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހްމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހްމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް އައްސާފައެވެ.
މަހްމޫދުގެ ހަށިގަނޑު ނަގައި ފޮރެންސިކް އިން ޓެސްތުތައް ހެދުމަށް ފަހު ވަނީ އޭނާ ގެ ހަށިގަނޑު އަނބުރާ ދަނގެއަޗަށް ފޮނުވާލާފައެވެ. މަހްމޫދުގެ ޖަނާޒާ އިއްޔެ މެންދުރު ފަހު ކުރިއަށް ދިޔަ އިރު އޭނާ ވަޅުލައި ކަށު ނަމާދު ކޮށްފައި ވަނީ އަސްރު ނަމާދަށް ފަހުއެވެ. އެ ޖަނާޒާ ގައި އެ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެފަިއވާ އިރު މިއީ ގަސްތުގައި މީހަކު މަރާލާފައި އޮއްވާ އެ ރަށުން ފެނުނު ފުރަތަމަ ފަހަރެވެ.