އިއްޔެ 100 ކިލޯގެ ހެރޮއިން އަތުލިކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުލާން ކުރެއްވިތާ 24 ގަޑި އިރު ފަހުން އަނެއްކާ 215 ކިލޯގެ ހެރޮއިން އަތުލައިފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އާއި، ފޮރެންސިކްސް އަދި ރ. އަތޮޅުގެ ފުލުހާއި އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން އަތުލި އިރު އެތަކެތި އަތުލީ ކޮން ރަށަކުން ކަމެއް ސީޕީ ހާމައެއް ނުކުރައްވައެވެ.
ސީޕީ ވިދާޅުވީ މިމައްސަލައިގައި 2 މީހަކު ހައްޔަރު ކޮށްފައި ވާކަމަށާއި އޮޕަރޭޝަން ހިންގީ މިދިޔަ ބުދަދުވަހު ކަމަށެވެ.
ބެލެވޭ ގޮތުން މިއީ އިއްޔެ އިއުލާން ކުރި 100 ކިލޯގެ ހެރޮއިންއާ ގުޅުން ހުރި މައްސަލައެކެވެ. މިއަދު އަތުލިކަން އިއުލާން ކުރެއްވި ހެރޮއިން ޕެކްޓްތައްވެސް ހުރީ އިއްޔެ އާންމު ކުރި ޕެކެޓްތައް ހުރި ގޮތަށެވެ.
އެއް ސައިޒެއްގައި އެއް ގޮތަކަށް ބަންދު ކޮށްފައި ހުރި ޕެކެޓްތަކަކަށް ވާއިރު އިއްޔެ އާންމު ކުރި އޮޕަރޭޝަންވެސް ހިންގީ ބުދަ ދުވަހުއެވެ.
އިއްޔެ ހާމަ ކުރި 100 ކިލޯގެ މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި ނަމަވެސް މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން އެންމެ އިސްކޮށް އުޅުނު ކަމަށް ބުނާ 2 މީހަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެ މައްސަލައިގައި؛
-
4 މީހެއްގެ ބަންދަށް: 15 ދުވަސް
-
3 މީހެއްގެ ބަންދަށް: 10 ދުވަސް
-
އެކަކަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.
ފުލުހުން ބުނީ ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާ ކަމަށެވެ.
އިއްޔެގެ މައްސަލައިގައި ހައްޔަރު ކުރީ، 19 އަހަރުގެ މީހަކާ، 24 އަހަރުގެ ދެ މީހުންނާ، 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެކެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސީންނެވެ.