އދ. ދަނގެތިން ގެއްލިގެން ހޯދަމުން ދިޔަ މީހަކު ވަޅަކަށް ފައްތާ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލުމާތު ދެއްވަމުން އެ ރަށުގެ ކައުންސިލް ގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، އެމީހާ އަކީ ރޭގެ 11 ޖެހީއްސުރެ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވާ މީހެއް ކަމަށެވެ. އެއީ އުމުރުން 50 ވަރަކަށް އަހަރުގެ އެ ރަށު ފިރިހެނެއް ކަމަށް ވެސް މުއާވިޔަތު ވިދާޅުވިއެވެ.

"އެމީހާ ފެނުނު އިރު މިއޮތީ މިތާ ފަޅުގެއެއްގައި ވަޅެއްގެ ތެރޭގައި، ބޮލަށް ގޯންޏެއް މަހާ، ފައިގަ ވާ ޖަހާ ވަޅަށް ފައްތާފައި، ބުނާކަށް ނޭނގޭ ކަަރުގައި ގޯންޏެއް އައްސާފައި އޮތް ކަމެއް، ފެން ހުރި ވަޅެއްގެ ތެރެއަށް އެކޮޅުކޮލޫން ފައްތާފައި އޮތީ."
މުއާވިޔަތު ރަޝީދު

އެމީހާ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މީގެ 30 ވަރަކަށް މިނެޓް ކުރިން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެނުނު އިރު އޭނާ އޮތީ އެ ރަށުގައި ހުރި ފެން ވަޅަކަށް، ބޮލަށް ގޯންޏެއް ފައްތާ ފައިގައި ވާ ޖަހާ އެކޮޅުކޮޅުން ފައްތާފައި ކަމަށް މުއާވިޔަތު ވިދާޅުވިއެވެ. އެމީހާ އޮތީ އެކޮޅުކޮޅުން ވަޅު ތެރެއަށް ފައްތާފައި ކަމުން ބޮލަށް މަހާފަިއވާ ގޯނި ހުރީ ކަރަށް އައްސާފައި ކަން ބުނެދޭން އެނގިވަޑައި ނުގަންނަވާ ކަމަށް މުއާވިއަތު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ދަނގެތިން ގޯންޏަކަށް ލައި އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަަމަށެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.