ރާއްޖޭގެ ހުރިހާ ރަށަކަަށް އެމްބިއުލާންސް ހަމަކުރުމަށް ގެންނަ އެމްބިއުލާންސްގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް މިހާރު މާލެ ގެނެސްފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އަތޮޅު ތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި 96 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރަން ޖެހެއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން ފުރަތަމަ 20 އެމްބިއުލާންސް މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.

އެސްޓީއޯއިން އެހެން ބުނެފައި ވާއިރު ރާއްޖޭގެ ހުރިހާ ރަށަކަަށް އެމްބިއުލާންސް ހަމަކުރުމަށް ގެންނަ އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ލިބިފައިވާ ކަމަށް މިމަހު 7 ވަނަ ދުވަހު ރައީސް އޮފީހުގެ ތެރަުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކު ވަނީ ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭ އިތުރު 20 އެމްބިއުލާންސް ލިބޭނެ ކަމަށާ އޭގެ އިތުރަށް އަދި އިތުރު 20 އެމްބިއުލާންސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޖުމްލަ 60 އެމްބިއުލާންސް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މި ސަރުކާރުގެ ސިއްހީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ކުރިން ޖަޕާނުގެ އެހީގައި ރާއްޖެއަށް ވަނީ 21 އެމްބިއުލާންސްއެއް ހަދިޔާ ކޮށްފައެވެ. އެ އެމްބިއުލާންސް ހަދިޔާ ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ރަށްރަށަށް ހަވާލު ކުރާ މި އެމްބިއުލާންސްތަކުގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުނަށް ފޯރުކޮށްދޭން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެއެވެ.