މިއަދު އައިޖީއެމްއެޗުގައި ވިއްސި އެއްމާބަނޑު ތިން ފިރިހެން ކުދިން މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ މިއަދު އެއްމާބަނޑު ތިން ކުއްޖަކު އެ ހޮސްޕިޓަލުގައި ވިއްސާފައިވާ ކަމަށާއި އަދި އެ ތިން ކުދިން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުދިން މަރުވި ސަބަބު، ހޮސްޕިޓަލުން ހާމަކޮށްފައި ނުވާ އިރު މެޑިކަލީ އެކުދިންނަށް ދިމާވި ކަންކަމާ ގުޅޭ ގޮތުން ވެސް އައިޖީއެމްއެޗުން ބަހެއް ބުނެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އައްޑުއަށް ނިސްބަތްވާ ދެމަފިރިންނަށް ލިބުނު 3 ކުދިންނެވެ. އެ ދެމަފިރިންގެ 5 އަހަރުގެ އަންހެން ކުއްޖެއް ހުރެއެވެ. ކައިވެންޏަށް 6 އަހަރު ވެފައިވާ އިރު، މިއަދު އަންހެން މީހާ ވިހަން އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އޭނާގެ ވޯޓާ ބޭގް ފަޅައިގެން ގޮސްގެން ކަމަށް އެ އާއިލާއާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ 'މިހާރު' ނޫހުން މައުލޫމާތު ދެއެވެ.

އާއިލާ އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، މިއަދު ވޯޓާ ބޭގް ފަޅައިގެން ދިޔަ އިރު އަންހެން މީހާގެ ބަނޑަށް ވަނީ 5 މަސް ފުރިފައި ކަމަށެވެ. އަދި ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ވޯޓާ ބޭގް ފަޅައިގެން ގޮސްފައި ވަނީ ތިން ކުދިންނަށް ބަނޑުގައި އުފެދުމުގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަމަށާއި އެ އަންހެން މީހާ ކެއްސާލުމުން ކަމަށެވެ.

ބަލިވެ އިން ދުވަހުން ފެށިގެން މިހިސާބަށް އައި އިރު، ވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އާއިލާ އާ ހަވާލާދީ އިތުރަށް އެ ނޫހުގައި ބުނެފައި ވެއެވެ. ނޯމަލްކޮށް މިއަދު އެ ތިން ކުދިން ވިއްސާފައި ވާ އިރު، ބަލާ ބެލުމަށް ދެކުދިން ވެސް ފުރިހަމަ އަށް އުފެދިފައި ވާ ކަަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ވިހެއިތާ އެއް ގަޑިއިރު ތެރޭ އެ ތިން ކުދިން މަރުވެފައި ވަނީ އެންއައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެ އާއިލާ އިން ބުނެއެވެ.

ތިން ކުދިން މަރުވި ނަމަވެސް ކުދިންގެ މަންމަގެ ހާލު ރަނގަޅެވެ. އެތިން ކުދިން ވަޅުލާފައި ވަނީ މިއަދު ހަވީރު 5 ޖެހިއިރެވެ.