މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މެޗުތަކަށް ޓިކެޓު ހޯދުމުގެ ދަތިތައް ހުރި ވާހަކައަކީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެކެވެ. އިންޑިއާއާއި ރާއްޖެ ބައްދަލު ކުރާ މެޗަށް ޓިކެޓް ގަންނަން ސޯޝަލް ސެންޓަރު ދޮށުގައި ރޭ ދަންވަރުއް ސުރެ މީހުން ކޔު ހެދިއެވެ. ނަމަވެސް އެފްއޭއެމުން ވިއްކީ ދިވެހިންނަށް ޖުމްލަ 3000 ޓިކެޓެވެ. މިއަދު ހެނދުނު 10 ޖެހި އިރު ވިއްކަން ފެށި ޓިކެޓު 3 ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ.

ޓިކެޓްގެ މައްސަލަ ބޮޑުވެފައި ވާ މި ދަނޑިވަޅުގައި ބްލެކް މާކެޓުގައި 1000ރ އާއި 2000ރ އާ ދޭތެރޭގެ އަގަކަށް ބައެއް މީހުން ޓިކެޓް ވިއްކާ ހަދައެވެ. ނަމަވެސް މިފަހަރު ޓިކެޓްތަކުގެ ފޭކް ވެސް ހަދައިގެން ބަޔަކު ދަނޑަށް ވަދެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން މި ފަހަރު ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ބަޔަކު ވަނީ ފޭކް މަދު ޓިކެޓްތަކެއް ހަދާފައެވެ. މި ޓިކެޓްތަކަށް އެ މީހުންނަށް ވަދެވުނު ކަމާ މެދު އެފްއޭއެމަށް ސުވާލު އުފެދުނު ނަމަވެސް އެމީހުން ވަނީ އެ ޓިކެޓުތަކުގައި ދަނޑަށް ވަދެ ގައުމީ ޓީމަށް ސަޕޯޓް ވެސް ކޮށްފައެވެ. 12000 ޖާގަ އޮތް ގަލޮޅު ދަނޑުން 5000 އެއްހާ ޓިކެޓް ވިއްކާ އިރު ސިޑި ބަރިން ދޫކުރާ ޓިކެޓުގައި ނަންބަރު ޖަހައިގެން ދޫކުރާ އުސޫލެއް ނޯންނާތީ ފޭކް ޓިކެޓްތަކެއް ހަދައިގެން އެ ދަނޑަށް ބަޔަކު ވަނަސް އެނގޭނެ ގޮތެއް ނޯވެއެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރާ މެޗުގެ އަސްލު ދެ ޓިކެޓްގެ ފޮޓޯއެއް / ފޮޓޯ: ފައުޒާ މުހައްމަދު | ދަ ޕްރެސް

އެފްއޭއެމްގެ އޮފިޝަލުން ޓިކެޓް ކަނޑަން ތިބޭ ގޮތަށް ބަލާ އިރު، މާ ބޮޑު ސެކިއުރިޓީއެއް އެކަމުގައި ނުގެންގުޅޭ ކަން ފާހަގަ ކުރެވެއެވެ. ޓިކެޓު ބުރިކޮށްލައި ޓިކެޓުގެ އެއްބައި މެޗު ބަލަން ވަންނަ މީހާ އަތަށް ދީ އެމީހާ ދަނޑަށް ވައްދާ އިރު، އެ ޓިކެޓުގެ ސައްހަ ކަން ދެނެގަންނަން މަސައްކަތެއް ނުކުރެއެވެ. ޒަމާން ތަރައްގީ ވެގެން މިހިސާބަށް އައި އިރު އަދިވެސް ޓިކެޓް ދޫކުރުމާއި ކެނޑުމުގެ ކަންކަން ރާއްޖޭގައި މި ހުރީ އިހު ޒަމާނުގައި އޮތް ގޮތަށެވެ. ހަމައެކަނި ބަދަލެއް އައިސްފައި ހުރީ ޓިކެޓްތަކުގެ ޑިޒައިނަށާއި މުވާރަތަށް ކުރާ ހަރަދަށެވެ.

ކުރިއާ އަޅާ ބަލާއިރު، މިހާރު އާންމުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ވަނީ ބަދަލުވެ ތަރައްގީ ވެފައެވެ. ޓެކްނޮލޮޖީއާ އެއްވަރުގައި ފައި ހަމަކުރަމުން އަންނަ މި ރާއްޖޭގައި މިހާރު އެތައް ބައެއްގެ އަތުގައި ފެންވަރު ރަނގަޅު ޕްރިންޓަރާއި ސްކޭން ކުރާ މެޝިންތައް ފަދަ ސާމާނު ހުންނަ އިރު، އާދައިގެ ޓިކެޓެއް ތައްޔާރު ކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ. ސާފް މެޗުގެ ޓިކެޓްގެ އަސްލު ޓިކެޓެއްގައި ސެކިއުޓީ އެއްވެސް ފީޗާއެއް ނެތެވެ. އަދި ޓިކެޓް ކަނޑާ ބަޔަކު އެވަރެއް ބަލައިވެސް ނުލައެވެ.

މި ފަދަ މުބާރާތެއް ރާއްޖޭގައި ބާއްވަން ނިންމި އިރު، ފޭކް ޓިކެޓް ބަޔަކު ތައްޔާރު ކޮށްފާނެ ކަމާ މެދު އެފްއޭއެމުން ތައްޔާރު ނުވެ އޮތުމަކީ ވަރަށް ދެރަ މައްސަލައެކެވެ. އެފަދައިން ޓިކެޓް ހަދައިގެން ދަނޑަށް ވަދެ މެޗު ބެލި މީހުންނަށް ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ދަނޑަށް ވަދެ ބަލާލެވުނީ އެއްވެސް ތަކުލީފަކާ ނުލައި ޖީބަށް ލުއި ކޮށެވެ. އެކަން ކުރި ބަޔަކު ހަމައެކަނި ޖެހިލުން ވެ ތިބީ ޓިކެޓް ކެނޑުމުގައި އެމީހުންގެ "ފޭކް ޓިކެޓް" ފަޅާއަރާފާނެތީއެވެ. ނަމަވެސް ޓިކެޓްގެ ސައްހަކަން އެފްއޭއެމުން ކަށަވަރު ނުކުރާތީ، އެ "ފޭކް ޓިކެޓަށް" ދަނޑަށް ވަދެ ގައުމީ ޓީމަށް ސަޕޯޓް ކުރަން ބަޔަކު ކުރި ޕްލޭން ކާމިޔާބު ވީއެވެ.

"ފޭކް ޓިކެޓް" ގެ މައްސަލައާ ގުޅިގެން އެފްއޭއެމް އިން 'ދަޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ޓިކެޓްތަކުގައި ސެކިއުރިޓީ ފީޗާއެއް ހިމާނާފައި ހުންނާނެ ކަމަށެވެ. އަދި ފޭކް ޓިކެޓްތަކާއެކު ދަނޑަށް ވަންނަން އަންނަ މީހުން ދެނެގަތުމަށް ކުރިއަށް ހުރި މެޗުތަކުގައި ބަލައި ފާސްކުރުމަށް ފުލުހުންނަށް ވެސް އަންގާފައި ވާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ. އަދި މިހާތަނަށް "ފޭކް ޓިކެޓް" އެއްގައި ބަޔަކު ދަނޑަށް ވަދެފައިވާ ކަން އެނގިފައި ނުވާ ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ.

ބަންގްލަދޭޝް ކޮޅަށް ލަނޑުޖެހުމަށް ފަހު ރާއްޖޭގެ ޓީމު ސްޕޯޓަރުން ކައިރިއަށް ގޮސް

މިއަދު މަދު ބަޔަކު މިހެން ޓިކެޓް ހެދިޔަސް މާދަމާ މިފަދައިން ގިނަ ޓިކެޓް ހަދާފަނެ ކަމާ މެދު ސުވާލު ނުއުފެދޭހެއްުެވެ. ކިއުގައި ނުޖެހި އަސްލާ އެއްގޮތަށް ފޭކް ޓިކެޓެއް ފަރުމާ ކޮށްލައިގެން ޖީބަށް ލުއި ކޮށް މެޗު ބަލަން ބޭނުންވާ އެތައް ބަޔަކު އެބަ ތިއްބެވެ. އުސޫލުތަަކެއް އޮތް ނަމަވެސް އުސޫލުން ބޭރުވެ މަނާ ކަންކަން ކުރާ މީހުންނަށް މިފަދަ ފުރުސަތުތައް ފަހިވެގެން ދަނީ ޓެކްނޮލޮޖީއާ އެއްވަރަށް ކަންކަން ކުރިއަށް ނުގޮސް އޮތުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެ ގޮތުން ކުރިން މެޗުތަކުގައި ދަނޑަށް މީހުން ވެއްދި އިރު ވެސް އެވަރަށް ބަލައި ޗެކްކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ތެރެއިން މާދަމާއަކީ ބަލަން ކޮންމެހެން ވެސް މުހިއްމު މެޗެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެއެވެ. އެއީ މި މުބާރާތުގައި އިންޑިއާއާ އެކު ރާއްޖެ ބައްދަލު ކުރާ ފުރަތަމަ މެޗެވެ. މި މެޗު ބަލާލަން ގިނަ ބަޔަކު ދަނޑަށް ވަންނަން ބޭނުން ވި ނަމަވެސް ވިއްކަން ހަމަޖެހިފައިވާ ޓިކެޓް މަދު ކަމުން އާންމުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އާންމުންގެ މި ކަންބޮޑުވުމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ޖަވާބު ދެއްވާފައެވެ. މަހްލޫފް ވިދާޅުވީ، ގަލޮޅު ބޯޅަ ދަނޑަކީ 12000 އެއްހާ މީހުންގެ ޖާގަ އޮތް ދަނޑެއް ކަމަށެވެ. ނަމަވެސް ގިނަ ދުވަސްވެ އެ ދަނޑު ބާވެފައި ވުމުން މި ވަގުތު ދަނޑަށް ވެއްދެން އޮތީ 5000 އެއްހާ މީހުންނަށް ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗުގެ މިރޭ ވިއްކާ ޓިކެޓު ގަތުމަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި ހަދާފައިވާ ކިޔޫ/ ފޮޓޯ: ދަ ޕްރެސް

ދަނޑަށް މަދު ބަޔަކު ވައްދާތީ އާއި މިހާރު ޓިކެޓް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އާންމުން ކުރަމުން ދާ ޝަކުވާތަކާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެފްއޭއެމް އިން ބުނީ، ޖުމްލަ 4800 ޓިކެޓް ވިއްކާ އިރު އޭގެ ތެރެއިން 3000 ޓިކެޓަކީ ދިވެހިންނަށް ވިއްކަން ނިންމާފައިވާ ޓިކެޓް ކަމަށާއި އަވޭ ޓީމަށް ސަޕޯޓް ކުރާ ފަރާތްތަކަށް ވިއްކަނީ 200 ޓިކެޓް ކަަމަށެވެ. އެހެންކަމުން ބާކީ ހުރި ޓިކެޓްތަކަކީ ވީއައިޕީކޮށް ދޫކުރާ ޓިކެޓާއި، ސްޕޮންސަރުންނަށް ދޫކުރާ ޓިކެޓްގެ އިތުރުން ގައުމީ ޓީމްގެ ކުޅުން ތެރިންގެ އާއިލާތަކަށް ދޫކުރާ ޓިކެޓް ކަމަށެވެ.

ގައުމީ ޓީމް ކުޅުނު މެޗުތަކުގައި ޓިކެޓް މަދުވެ މައްސަލަ ހޫނުވެފައި ވަނީ އެންމެ ފުރަތަމަ މެޗުން ފެށިގެންނެވެ. އެ މައްސަލަ ބޮޑުވުމުން އެފްއޭއެމުން ވަނީ ގައުމީ ޓީމްގެ ކުޅުންތެރިންގެ އާއިލާއަށް ދޭން ނިންމާފައިވާ ޓިކެޓްތަކުން ބައެއް މަދު ކޮށް ދިވެހިންނަށް ވިއްކާ ޓިކެޓް އިތުރު ކޮށްފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ލީގް މެޗުތަކަށް ބަލާލިއަސް ފުޓްބޯޅައަށް އޮތް ތަރުހީބު ކުޑަވެފައި އޮތް ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގައުމީ ޓީމް ކުޅޭ މެޗަށް ސަޕޯޓް ކުރަން ވަންނާނެ ގިނަ ދިވެހިން ވެއެވެ. ގައުމީ ލެއާއި ޖޯޝާއެކު ގައުމީ ޓީމަށް ދިވެހިން ސަޕޯޓް ކުރަން ދާން ހައްޓަކު ހެޔެއް ނުހުރެއެވެ.