ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި، އެފަދަ އަމަލެއް ކުރަން ރޭވުމުގެ މައްސަލާގައި މަސްދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ މުހައްމަދު އަމީން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މަސްދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކުރި އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އަމީން ބަންދުކުރުމަށް މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރި އިރު، އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުން ވަނީ މީގެ ކުރިން ނިންމާފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އަމީންގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެހެންވެ ދައުލަތުން ވަނީ ހައިކޯޓުން ކުރި ހުކުމްގެ ކުރިން އޮތް ހުކުމަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.

ދައުލަތާއި، އަމީނުގެ ވަކީލުންގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މަސްދުވަހުގެ މުއްދަތަކަށް އަމީން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ.

ފުލުހުން ވަނީ އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އަމީނަކީ ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށް ބުނެ، އޭނާ އަކީ ކާކުކަން ބަޔާންކޮށް، އަދި އެމެރިކާގެ ކަމާބެހޭ ފަރާތެއްގެ ރިޕޯޓުތަކަކާއި ސިއްރު ލިޔުންތަކެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅިއެވެ. އެ ހުރިހާ ތުހުމަތަކަށް އަމީނު ވަނީ އިންކާރު ކޮށްފައެވެ.