ޒަމާންވީ ހަތުރުންގެ ގޮތުގައި އެމެރިކާއާއި އުތުރު ކޮރެއާ ގުޅުން ބަދަހި ވެދާނެ ކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް ފެނިފައި ނުވާ މި ދަނޑިވަޅުގައި، "ބަލި ނުކުރެވޭ" ފަދަ އަސްކަރިއްޔާއާއެއް ބިނާ ކުރައްވާނެ ކަމަށް، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް-އުން ވައުދުވެވަޑައިގެންފިއެވެ.

އުން ވިދާޅުވާ ގޮތުގައި ހަތިޔާރު ތަރައްގީ ކުރުމަށް އުތުރު ކޮރެއާއިން ކުރާ މަސައްކަތްތަކަކީ، ގައުމީ ދިފާއަށްޓަކާ އެ ގައުމުން ކުރާ މަސައްކަތްތަކެކެވެ. އަދި ނިޔަތަކީ އެއްވެސް ހާލެއްގައި، ހަނގުރާމައެއް ފެށުން ނޫން ކަމަށް އުން ވަނީ ވިދާޅުވެފައެވެ.

މިފަދަ ރޫހެއްގައި އުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ވަރުގަދަ މިސައިލް ޑިސްޕްލޭތަކަކާއެކު ކުރިއަށް ދިޔަ ދިފާއީ މައުރަޒެއްގައެވެ.

އުތުރު ކޮރެއާއިން ދާދި ފަހުން ވަނީ، ހައިޕާސޮނިކް މިސައިލް ޓެސްޓު ކޮށްފައެވެ. އަދި އުތުރުގެ ހަތުރުވެރި ދެކުނު ކޮރެއާއިން ވަނީ، ސަބްމެރީން މެދުވެރިކޮށްގެން ހަމަލާ ދޭ ހަތިޔާރެއް ޓެސްޓު ކޮށްފައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކިމް ވަނީ، އުތުރު ކޮރެއާއި ދެކުނު ކޮރެއާއާ ދެމެދު، އެމެރިކާއިން ނުތަނަވަސް ކަން އުފައްދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އުތުރު ކޮރެއާއެކު މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް، ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ޝަރުތަކީ، އުތުރުން ކުރިއަށް ގެންދާ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއު ދޫކޮށްލުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އުތުރު ކޮރެއާއިން އަދި މިހާތަނަށް މިކަމަށް ކޮށްފައި ވަނީ އިންކާރެވެ.

ނިއުކްލިއާ ހަތިޔާރާއި ބެލިސްޓިކް މިސައިލް ޓެސްޓު ކުރުމަކީ، އދއިން އުތުރު ކޮރެއާއަށް މަނާ ކޮށްފައި ވާ ކަމެކެވެ. ނަމަވެސް، މި ހުދޫދުގެ ތެރޭގައި ދެމި އޮތުމަށް ތަކުރާރު ކޮށް، އުތުރު ކޮރެއާ ވަނީ ފެއިލްވެފައެވެ. ނަތީޖާއެއްގެ ގޮތުން ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަކާ އުތުރަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.