ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ ގައިދީންގެ މައްސަލަ އާއި ޖަލުތަކުގަަ ތިބޭ ގައިދީންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

މައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި އެކި ބަޔަކު އެތައް އަހަރެއް ހޭދަކުރާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށިވާ މީހުންނާއި ހެކި ބަސް ނެގުމުގެ މަރުހަލާގައިވާ މީހުންނާއި ހުރިހާ އަޑުއެހުމެއް ނިމި ހުކުމް ނުކުރެވި ހުރި ގިނަ ދުވަސްވެފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

ސިރާޖު ވިދާޅުވީ ވާނުވާ ބަންދަށް ހައްލެއް ނުލިބިވާއިރު، ދެން އެންމެ ބޮޑު މައްސަލައަކީ ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ކަމަށެވެ.

ސިރާޖު ވަނީ މައްސަލަ ހުށަހެޅުއްވިއިރު މި ފަހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި ގައިދީއެއް ކަމަށްވާ މ. މަލަސް, އިސްމާއީލް ޝަބީން ބަންދުގައި ހުރިއިރު ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތީން އެދިފައިވާ ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭނާއަށް ބޭނުންވާ ފަރުވާ ލިބިފައިނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.