ހިޔާ ފްލެޓްގެ ކަރަންޓުގެ ކަނެކްޝަން ފީގެ ގޮތުގައި ދައްކަން ޖެހޭ 300 ރުފިޔާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސާދީފައި ވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ހިޔާ ފްލެޓްގެ އެޕާޓްމަންޓްތަކަށް ކަރަންޓް ފޯރުކޮށް ދިނުމައްޓަކައި ފުރަތަމަ މަހުގެ ބިލަށް ކަނެކްޝަން ފީގެ ގޮތުގައި 300 ރުފިޔާ ހިމާނާފައި ވާނެ ކަމަށެވެ. އަދި މި މައުލޫމާތަކީ ކުރިން ވެސް ހިއްސާ ކޮށްފައިވާ މައުލޫމާތެއް ކަމަށާއި މި އަދަދު ބަހާލައިގެން ދެއްކުމަށް އެދިފައިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީފައި ވާ ކަމަށެވެ.

ހިޔާގެ 6720 ފްލެޓްގެ ތެރެއިން ސްޓެލްކޯގެ ހިދުމަތަށް އެދި ގިނަ ބަޔަކު ވަނީ އެގްރީމަންޓް ހަދާފައެވެ. އަދި އެފަރާތްތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދީފައެވެ.

ހުޅުމާލެ ފޭސް 2 ގައި މީހުން އާބާދުވެ ދިރިއުޅެން ފެށުމާއެކު މިހާރު އަސާސީ ބޭނުންތައް ފުއްދޭ ގޮތަށް ވަސީލަތްތައް އެ ސަރަހައްދަށް ފޯރުކޮށް ދިނުމަށް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ފޭސް 2 އަށް ކަރަންޓް ފޯރުކޮށް ދޭން ފަށަން ވާ އިރަށް ކަރަންޓް ބާރުބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ، 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ވަނީ ގުޅާލާފައެވެ.

މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.