އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ އަންނަ ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ދިވެހިންނަށް ޓިކެޓު ވިއްކާނީ ސޯޝްލް ސެންޓަރުން މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މާދަމާ އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރާ މެޗްގެ ޓިކެޓު ވިއްކަން ނިންމާފައިވާ އިރު، ދިވެހިންނަށް ވިއްކަން ނިންމާފައި ވަނީ 3000 ޓިކެޓު ކަމަށެވެ. ހަމައެއާއެކު ސޯޝަލް ސެންޓަރުގައި ދިވެހީންނަށް ޓިކެޓު ވިއްކަން ތިން ކައުންޓަރު ހުންނާނެ ކަމަށާއި ދިވެހިންނަށް ޓިކެޓް ވިއްކާނީ ހަމައެކަނި އެ ތިން ކައުންޓަރުން ކަމަށް ބައްސާމް ވިދާޅުވިއެވެ.
ދިވެހީންނަށް 3000 ޓިކެޓު ހާއްސަކޮށްފައި ވާއިރު، ކޮންމެ މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓު ކަމަށް ބައްސާމް ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗަށް އަވޭ ޓީމަށް ހާއްސަކޮށްފައި ވަނީ 200 ޓިކެޓް ކަމަށާއި އަވޭ ޓީމުގެ ޓިކެޓު ވިއްކާނީ ގަލޮޅު ދަނޑުން ކަމަށް އެފްއޭއެމްއިން ބުނެއެވެ. މީގެ އިތުރުން އަންނަ ބުދަ ދުވަހުގެ ހަވީރު ކުޅެން ހަމަޖެހިފައިވާ ބަންގްލަދޭޝަ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑުގައި ހުންނަ ޓިކެޓް ކައުންޓަރުން ކަމަށް އެފްއޭއެމްއިން ބުނެއެވެ. މި ޓިކެޓްތައް ގަލޮޅު ދަނޑުގައި ހުންނަ ކައުންޓަރުން ވެސް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށް އެފްއޭއެމްއިން ބުނެއެވެ.
ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަށް ދިވެހިންނަށް 3000 ޓިކެޓް ވިއްކަން ނިންމާފައިވާ އިރު އިއްޔެ ބައްދަލު ކުރި ރާއްޖެއާއި ސްރީލަންކާގެ މެޗަށް ދިވެހިންނަށް ޓިކެޓް ނުލިބުނު މައްސަލަ އޮތީ ހޫނުވެފައެވެ. ޓިކެޓް ނުލިބޭ މައްސަަލއިގައި ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ސްރީލަންކާއާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ޓިކެޓް ވިއްކަން ފެށިތާ 1 ގަޑިއިރު ތެރޭ ހުރިހާ ޓިކެޓެއް ވިކި ހުސްވުމުން ފަހުން ވަނީ އިތުރު 1000 ޓިކެޓް ވިއްކާފައެވެ.
އަންނަ ބުދަ ދުވަހު ރާއްޖެއާ އި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ. އެ މެޗަށް ގިނަ ދިވެހިންތަކެއް އިންތިޒާރު ކުރަމުން އަންނަ އިރު މިހާރު ސާފް ޗެމްޕިއަންޝިޕްގެ ތާވަލުގައި ރާއްޖެ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައެވެ.
ރާއްޖެ ބައްދަލު ކުރި މެޗުތަކުގެ ތަފްސީލަށް ބަލާލައިރު ނޭޕާލާއެކު ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް ބަންގްލަދޭޝާއި ސްރީލަންކާއާ އެކު ކުޅުނު ދެ މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.