ނުބައި ސެކްޝަނަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެ، ނޫސްވެރިންނަށް އެވޯޑް ދޭން މީޑިއާ ކައުންސިލުން ބާއްވާ ޖަލްސާ ހުއްޓުވުމަށް، ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ބެއްލެވި ގާޒީ، އަބްދުއް ނާސިރު ޝަފީގު ކުރި ހުކުމްގައި ވަނީ އަވަސް ނިޔާގެ މައްސަލަ ބަލާ ސެކްޝަނަށް މި މައްސަލަ ނުބެލޭނެ ކަމަށާއި، މި މައްސަލަ ބެލޭޏީ އިދާރީ މައްސަލަތައް ބަލާ ސެކްޝަނުން ކަމަށެވެ. އަދި ކޯޓުގައި އެ މައްސަލަ ބާއްވައިގެން އެހެން ސެކްޝަނަކަށް ނުފޮނުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މި މައްސަލަ އެ ސެކްޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް، ނޫސްވެރިން ތަމްސީލު ކުރެއްވި ވަކީލު މަރިޔަމް ޝުނާނާ ވަކާލާތު ކުރެއްވީ މައްސަލަ އޮޅޭ ގޮތަށް ކަމަށާއި، އެހެންކަމުން ދައުވާ ފޯމަށް ބަދަލު ގެންނަން ޖެހޭތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ޖެހޭނީ މައްސަލައިގެ ބާވަތާ ގުޅޭ ސެކްޝަނަށް ހުށަހަޅަން ކަމަށެވެ.

މީޑިއާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މި މައްސަލާގައި ނޫސްވެރިން ބުނީ މީޑިއާ ކައުންސިލުން އެވޯޑު ދިނުމުގައި އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި، އެހެންވެ މިރޭ ބާއްވަން އޮތް އެވޯޑު ދިނުމުގެ ހަފްލާ ފަހުގެ ތާރީހަކަށް ފަސްކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޝުނާނާ ވިދާޅުވީ މިރޭ މި ޖަލްސާ ބާއްވައިފިނަމަ، އެތައް ނޫސްވެރިއެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމަށެވެ. ނަމަވެސް އެމްއެމްސީން ބުނީ އެ ހަފްލާ ކުރިއަށް ގެންދަން ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި، މިރޭ ޖަލްސާ ނުބޭއްވި ލަސްވެއްޖެނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށެވެ.