ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާތައް އުފުލާފައިވާ ޏ. ފުވައްމުލައް، މާދަނޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ނިންމި ނަމަވެސް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެގޮތުން އަމީންގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު ދައުލަތުގެ ވަކީލް ވަނީ ހައި ކޯޓުގެ ނިންމުމުގެ ކުރިން އޮތް ގޮތަށް އަމީން ޖަލުގައި ބަންދު ކުރާ ގޮތަށް ބަންދު އަމުރު ބަދަލު ކޮށްދިނުމަށް އެދިފައެވެ.

ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އަމީންގެ މައްޗަށް ކުރަނީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ކަމަށާ ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެކި ވެސް ހުރި ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ގާޒީ އަލީ އާދަމް ނިންމެވީ 30 ދުވަހުގެ މުއްދަކަށް އަމީން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ.

އަމީންގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއެވެ. ނަމަވެސް، އޭނާ މިވަގުތު ޗުއްޓީގައި ހުންނެވުމުން މިއަދު އަމީންގެ މައްސަލަ ބެއްލެވީ ކޯޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އަލީ އާދަމެވެ.

އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އަމީނަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ބުނެ، އަމީނާއި ދެކޮޅަށް، އޭނާ އަކީ ކާކުކަން ބަޔާންކޮށް، އަދި އެމެރިކާގެ ކަމާބެހޭ ފަރާތެއްގެ ރިޕޯޓުތަކަކާއި ސިއްރު ލިޔުންތަކެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ނަމަވެސް، އޭނާ އެ ތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފައެވެ.

މީގެ ކުރިންވެސް އަމީން ހައްޔަރު ކޮށްފައި ވާއިރު އެ ފަހަރު އޭނާ ހައްޔަރުކުރީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރަން އުޅުމުން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމުގެ ތެރޭގައި ލަންކާއިންނެވެ. ނަމަވެސް ދެމަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ގައި އޭނާ ދޫކޮށްލީއެވެ.