އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގައި މިއަދު ރާއްޖެއާއި ލަންކާ ކުޅުނު މެޗުން 1-0 ރާއްޖެ ކާމިޔާބު ހޯދައިފިއެވެ.

ދިވެހި ޓީމުން މެޗު ފެށީ ގިނަ ހަމަލާތަކަކާއެކު އެވެ. އަދި ފުރަތަމަ 10 މިނެޓްގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ވެސް ނަގާފައެވެ. މިލަނޑު މެޗުގެ 6 ވަނަ މިނެޓްގައި ކާމިޔާބުކުރީ އަލީ އަޝްފާގެވެ. މިއީ މިމުބާރާތުގައި އަޝްފާގު ޖެހި ދެވަނަ ލަނޑެވެ.

ފުރަތަމަ ހާފްގައި އިތުރު ލަނޑު ޖަހާ ފުރުސަތުު ދިވެހި ޓީމަށް ލިބުނެވެ. މިގޮތުން، ހާފްގެ ކުރީކޮޅު ރާއްޖޭގެ ޖާޒީ ނަންބަރު 11 އަލީ ފާސިރު ފޮނުވާލި ހިތްގައިމު ޝޮޓު ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލަންކާ ޓީމުގެ ފަރާތުން ފެނުނީ މުޅިހެން ޑިފެންސިވް ކުޅުމެކެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ރާއްޖެ ކުރީގައި އޮވެގެންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގައި ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ޓީމް

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ދިވެހި ޓީމުންނެވެ. މިގޮތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބުވާ ގޮތެއް ނުވެއެވެ.

އެއަށް ފަހު ދެން ފެނުނީ ލަންކާއިން ގިނަ ހަމަލާތަކެއް އުފެއްދި ތަނެވެ. މިގޮތުން ލަންކާ ޓީމުން ވަނީ ނުރައްކާތެރި އެތަށް ހަމަލާއެއް އުފައްދާ ގޯލަށް އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރާއްޖޭގެ ކީޕަރު މުހައްމަދު ޝަފީއުގެ ހުޝިޔާރު ކަން ފާހަގަކުރަން ޖެހެއެވެ.

މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި 1-0 އަކުން ރާއްޖެ މޮޅުވެގެންނެވެ. މިމެޗުން މޮޅުވުމާއެކު ރާއްޖެ މިވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނަ އަށް އަރާފައެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ފުރަތަމަ ދެ މެޗުން މޮޅުވި ނޭޕާލްއެވެ. އެއީ ޖެހި ގޯލުގެ ތަފާތުންނެވެ.

މިމުބާރާތުގައި މިރޭ އިތުރު މެޗެއް ކުޅޭ އިރު މި މެޗުގައި ވާދަކުރާނީ އިންޑިއާއާ ނޭޕާލްއެވެ.