އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިހާރު ކުޅެމުންދާ މެޗުގެ ފުރަތަމަ ހާފް ނިންމާލި އިރު ރާއްޖެ އެއް ގޯލާއެކު ކުރި ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. ލަންކާއިން ވެސް ހަމަލާތަކެއް ދީފައި ވާ އިރު ރާއްޖެއިން ވެސް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އެ ގޮތުން ރާއްޖެ ފުރަތަމަ ގޯލެއް ޖަހާފައި ވަނީ މެޗުގެ 6 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހާފައި ވަނީ 7 ވަނަ ޖާޒީގައު ކުޅޭ، އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ގައުމީ ޓީމް ކުޅޭ މެޗު ބެލުމަށް ގަލޮޅު ބޯޅަދަނޑަށް ވަނީ ގިނަ ދިވެހިންތަކެއް ވަދެ މުޅި ދަނޑު ވަނީ ރަތް ކުލައިން ފުރާލާފާއެވެ. މެޗު ބަލަން ދަނޑަށް ނުވަދެވުނު ނަމަވެސް ކާނިވަލުގައި ވެސް މެޗު ބެލުމަށް ވަނީ ބޮޑު ސްކްރީނެއް ބަހައްޓާފައެވެ. މި މެޗު ނިމިގެން ދާނީ ރަނގަޅު ކާމިޔާބަކާ އެކުގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިއަދު ރާއްޖެ ލަންކާއާއެކު ބައްދަލު ކުރާއިރު މިއީ ރާއްޖެ މި ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ތިން ވަނަ މެޗެވެ. ފުރަތަމަ މެޗު ނޭޕާލް އަތުން ރާއްޖެ ބަލިވެފައި ވީ ނަމަވެސް ދެވަނަ މެޗުގައި ބަންގްލަދޭޝް ކައިރިން ރާއްޖެ ވަނީ 2-0 އިން މޮޅުވެފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް ހުރި މެޗުތަކަށް ބަލާ އިރު، ދެން މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ބަންގްލަދޭޝްއާއި ނޭޕާލްގެ މެޗެއް އޮތް އިރު އެރޭ ރައްޖެއާއި އިންޑިއާގެ މެޗެއް ވަނީ ތާވަލް ކޮށްފައެވެ.