އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މިހާރު ކުޅެމުންދާ މެޗުގައި ރާއްޖެ ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ މުވައްޒަފުން ގައުމީ ޖޯޝާއި ފޯރީގައި ތިބީ ގައުމީޓީމާއެކުގައި ކަމަށެވެ. ގައުމީ ޓީމު ސްރީލަންކާ އާއެކު ބައްދަލުކުރާ މެޗުން ވަރަށް ވެސް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އިރާދަ ކުރެއްވިއްޔާ ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ ތަށްޓަކީ ދިވެހިންގެ ތަށްޓަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިހާރު ރާއްޖެ އާއި ލަންކާ ކުޅޭ މެޗުގެ 25 މިނެޓު ކުޅެފައި ވާއިރު، ރާއްޖެ ވަނީ އެއް ގޯލް ޖަހާފައެވެ. މިހާރު ކުޅެމުން އަންނަ މެޗުގައި ރާއްޖެ އަންނަނީ ވަރަށް ރަނގަޅު އެޓޭކެއް ދައްކަމުންނެވެ.

މިއަދު ރާއްޖެ ލަންކާއާއެކު ބައްދަލު ކުރާއިރު މިއީ ރާއްޖެ މި ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ތިން ވަނަ މެޗެވެ. ފުރަތަމަ މެޗު ނޭޕާލް އަތުން ރާއްޖެ ބަލިވެފައި ވީ ނަމަވެސް ދެވަނަ މެޗުގައި ބަންގްލަދޭޝް ކައިރިން ރާއްޖެ ވަނީ 2-0 އިން މޮޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް ހުރި މެޗުތަކަށް ބަލާ އިރު، ދެން މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ބަންގްލަދޭޝްއާއި ނޭޕާލްގެ މެޗެއް އޮތް އިރު އެރޭ ރައްޖެއާއި އިންޑިއާގެ މެޗެއް ވަނީ ތާވަލް ކޮށްފައެވެ.