ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާތައް އުފުލާފައިވާ ޏ. ފުވައްމުލައް، މާދަނޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ޝަރީއަތް ކްރިމިނަލް ކޯޓު މާދަމާ ފަށަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި އަމީންގެ ޝަރީއަތް ފެށުމަށް ނިންމާފައިވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރުއެވެ.

ހައިކޯޓުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރުކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހުއެވެ.

އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރި ނަމަވެސް އޭނާ ދޫކޮށްލާފައި ހުރީ ހައިކޯޓުން އިތުރު މޮނިކޮން އަމުރެއް ނެރުމަށްފަހު އެވެ. އެހެންވެ ފުލުހުން ގެންދަނީ އަމީންގެ އަމަލުތަކަށް ބަލައި ފާރަވެރިވަމުންނެވެ.

ސުޕްރީމް ކޯޓުން މި މަހުގެ 3 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައިވާ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި އެކަނި ކަމަށާއި އަދި ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ނުހިނގާނެ ކަމަށް އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެެވެ. އަދި އަމީނަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެ މައްސަލަަ ކުރިއަށް ގެންދަން އަމުރުކުރާ ކަމަށް އެ ހުކުމުގައިވެއެވެ.

މީގެ ކުރިންވެސް އަމީން ހައްޔަރު ކޮށްފައި ވާއިރު އެ ފަހަރު އޭނާ ހައްޔަރުކުރީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރަން އުޅުމުން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމުގެ ތެރޭގައި ލަންކާއިންނެވެ. ނަމަވެސް ދެމަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ގައި އޭނާ ދޫކޮށްލީއެވެ.