މާލެ އާއި ހުޅުމާލެ ގުޅައިދޭ ސިނަމާލެ ބްރިޖުގެ ހައިވޭ ސަރަހައްދުގައި ސައިކަލެއް ކަހާލައިގެން އެކްސިޑެންޓެއް ހިނގައި، ދުއްވަން އިން މީހާއަށް އަނިޔާ ވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި، ހައިވޭގެ ހަތަރުވަނަ ލޭން ހިމެނޭ ސަރަހައްދުންނެވެ.

ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް ސައިކަލުގައި ދުއްވާފަ ދިޔަ، 27 އަހަރުގެ އެ ފިރިހެން މީހާ ސައިކަލުން ކަހާލައިގެން ވެއްޓި، އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިރޭ 7:54 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ޓްރީޓޮޕްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ހިނގިތާ ދެދުވަހުގެ ކުރިން، ވެލާނާ އެއާޕޯޓުގައި ދުއްވާފައި ދިޔަ ދިރާގުގެ ކާރެއް ކޮންޓްރޯލް ނުވެ، ވޯކްވޭ މައްޗަށް އަރައި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވިއެވެ.