1،400 އިން 200 އަށް މަދުކޮށް، ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ ކެމެރާ ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފިއެވެ.

"ދަ ޕްރެސް" އަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޔުނިފޯމުގައި ހަރުކުރާ ކެމެރާގެ އަދަދު މަދުކޮށް ބީލަމަށް އަލުން ހުޅުވާލަން ނިންމީ މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވެފައި ނެތުމުން ކަމަށެވެ.

އެހެންކަމުން، ފުލުހުން ބޭނުންވާ ބޮޑީ ކެމެރާގެ އަދަދަށް ބަދަލު ގެނެސް، 200 ކެމެރާ އާ އެކު، މިއަހަރުގެ ތެރޭގައި ބޮޑީ ކެމެރާ ބޭނުންކުރަން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި މާލޭގެ އިތުރުން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫ ސިޓީ ފަދަ ސަރަހައްދުތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތަށް ބޮޑީ ކެމެރާ ހޯދަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އޯގަސްޓު މަހުގެ ފުރަތަމަ ދުވަހު، ފިނޭންސް މިނިސްޓްރީންނެވެ. އެކަމާ ގުޅޭ ޕައިލަޓް ޕްރޮގްރާމެއް ވަނީ މިދިޔަ ފެބްރުއަރީގައި ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިންވެސް މި މަސައްކަތަށް ހަރަދު ކުރަން ސަރުކާރުން ނިންމިއެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން، މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.