ބައިނަލްއަގުވަމީ ފުލުހުންގެ އިއްތިހާދު (އިންޓަޕޯލް) އިން މައުލޫމާތު ހިއްސާކުރާ ނެޓްވޯކްގައި ސޫރިއާ އަލުން ހިމަނާފައި ވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިއާއެކު، ސޫރިއާގެ ރައީސް ބައްޝާރު އަލް-އަސަދާ ދެކޮޅަށް، 2012 ވަނަ އަހަރުން ފަށައިގެން އިންޓަޕޯލް އިން ތަންފީޒު ކުރަމުން ދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކަށްވެސް ވަނީ ނިމުން ގެނެސްފައެވެ.

އިންޓަޕޯލްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ސޫރިއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދިޔަ ފިޔަވަޅުތައް އުވާލަން ނިންމާފައި ވަނީ، އެ އިދާރާގެ ޖެނެރަލް ސެކްރެޓާރިއަޓްގެ މަރުކަޒުން ދީފައި ވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި އިންޓަޕޯލްގެ އެގްޒެކެޓިވް ކޮމިޓީއިން މި އިރުޝާދު ބަލައިގެންފައި ވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ދިގުދެމިގެންދާ ދާހިލީ ހަނގުރާމައެއްގައި އޮތް ސޫރިއާއާ ދެކޮޅަށް އިންޓަޕޯލް އިން ދަތިރކުރުމުގެ ފިޔަވަޅު ތަންފީޒު ކުރަން ފެށި، ހަނގުރާމައިގެ ކުރީކޮޅު، ސޫރިއާގެ ސަރުކާރުން ދެމުން ދިޔަ ލާއިންސާނީ އަނިޔާތަކުގެ ސަބަބުންނެވެ.

ނަމަވެސް މި ފިޔަވަޅުތައް އުވާލުމަށް އިންޓަޕޯލްއިން ނިންމުމާއެކު، އިންޓަޕޯލްގެ ގައުމީ އޮފީސްތައް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށް ބަދަލު ކުރުމުގެ ސީދާ ފުރުސަތު، ސޫރިއާއަށް ލިބިގެންދާނެއެވެ. ނަމަވެސް، ސޫރިއާއާއެކު މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ އިހުތިޔާރު، ވަކިވަކި ގައުމުތަކުގެ އިންޓަޕޯލް އޮފީސްތަކަށް ލިބިގެންވެއެވެ.

އަދި ވަކި މީހަކު ހައްޔަރު ކުރުމަށް "ރެޑް ނޯޓިސް" ނެރުމުގެ ބާރެއް ސޫރިއާއަށް ނޯންނާނެ ކަމަށާ، ނަމަވެސް އެހެން މެންބަރު ގައުމުތަކެކޭ އެއްފަދައިން، އެކަމަށް އެދި، އިންޓަޕޯލްގެ ޖެނެރަލް ސެކްރެޓާރިއަޓަށް ހުށަހެޅުމުގެ ފުރުސަތު، ސޫރިއާއަށްވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ނިންމުމެއް ނިންމީ، ސޫރިއާގައި ހުންނަ އިންޓަޕޯލްގެ އޮފީހުން ދިން މައުލޫމާތުތައް ވަރަށް ގާތުން ބެލުމަށް ފަހުގައި ކަމަށް އިންޓަޕޯލްގެ ބަޔާނުގައިވެއެވެ.

އިންޓަޕޯލްގެ މި ނިންމުމާ ގުޅިގެން ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗްގެ ރިސާޗަރު، ސޭރާ ކައްޔާލީ ވިދާޅުވީ، މިއީ ނުރައްކާތެރި ބަދަލެއް ކަމަށެވެ. އެހެނީ ސޫރިއާއަކީ ރެޑް ނޯޓިސްގެ ނާޖާއިޒު ފައިދާ ނެގުމުގެ ރެކޯޑް އޮތް ގައުމަކަށް ވުން ކަމަށް ކައްޔާލީ ވަނީ ވިދާޅުވެފައެވެ.

ފަރަންސޭސި ހާރިޖިއްޔާއިންވެސް ވަނީ އިންޓަޕޯލްގެ ނިންމުން ބަލައިގަތުމަށް އިންކާރު ކޮށްފައެވެ.