އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ބަންގްލަދޭޝް ވާދަކުރި މެޗު 2-0 އަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 0-1 އަކުން ބަލިވުމުން މިރޭގެ މެޗަށް ދިވެހި ޓީމުން ނިކުތީ ތިން ޕޮއިންޓް ހޯދައިގެން ލީގު ފޯމެޓަށް ކުޅޭ މުބާރާތުގެ ތާވަލުގެ ކުރިއަށް ޖެހެވޭނެ ކަމުގެ އުއްމީދުގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން މާ ގިނަ ހަމަލާތަކެއް ފެނިފައި ނުވާ އިރު އެހާފްގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލާތައް ފެނިފައިވަނީ ދިވެހި ޓީމުގެ ފަރާތުންނެވެ.

ހާއްސަކޮށް ތަޖުރިބާކާރު ފޯވަޑް އަލީ އަޝްފާގް ވަނީ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. އަޝްފާގަށް ބޯޅަށް ލިބޭ ކޮންމެ ފަހަރަކު ބަންގްލަދޭޝްގެ ދެތިން ކުޅުންތެރިން އޭނާ ވަށާލާ ހުރަސް އަޅާ ހަދާ އިރު ވެސް އަޝްފާގް ވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް ލަނޑު ޖަހާ ފުރުސަތުތައް ފަހިކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމެންދަނިކޮށް އަޝްފާގަށް ގޯލަށް އަމާޒުކޮށް ފޮނުވާލި ޝޮޓެއް ލަނޑަކަށް ނުވީ ބަންގްލަދޭޝް ކީޕަރު ޒީކޯގެ ހުޝިޔާރު ކަމުންނެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި/ ފޮޓޯ: ޓުވިޓާ

ދެވަނަގައި ވެސް ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ހާފް ފެށިތަނާހެން މުބާރާތުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު ފެނިގެން ދިޔައެވެ.

މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށް ދިނީ ޖާޒީ ނަންބަރު 10 ހަމްޒާ މުހައްމަދެވެ. މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ހަމްޒާ ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

އަޝްފާގު ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު

މިއަށް ފަހުން ދެން ވެސް ފެނުނީ ރާއްޖޭގެ ގޯލެކެވެ. އެއީ މެޗުގެ 73 ވަނަ މިނެޓްގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށް ދިނީ އަޝްފާގެވެ. މިއީ އަޝްފާގް ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ގައުމީ ޓީމަށް ޖަހާ ދިން 21 ވަނަ ގޯލެވެ.

މެޗުގެ ބާކީ އޮތް ބައިގައި ބަންގްލަދޭޝް ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް މިމެޗު ނިމުނީ 2-0 ރާއްޖެ މޮޅުވެގެންނެވެ. މިއާއެކު ރާއްޖެ މިވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. މިމެޗުން ބަލިވިނަމަވެސް ކުޅުނު ފުރަތަމަ ދެމެޗުން މޮޅުވެ އަދި އެއްވަރުވުމުން ބަންގްލަދޭޝް އޮތީ ތާވަލުގެ ދެ ވަނައިގައެވެ. އެއްވަނައިގައި އޮތީ ކުޅުނު ދެމެޗުން ވެސް މޮޅުވި ނޭޕާލްއެވެ.