ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓް އައިސިސް ޖަމާއަތުގެ މެންބަރުން ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށް ބައިތިއްބާފައި ތިބޭ ސޫރިޔާގެ ކޭމްޕަކުން، 11 އަންހެނަކާއި 37 ކުޑަކުއްޖެއް، ޖަރުމަނުވިލާތާއި ޑެންމާކަށް ގެންގޮސްފައި ވާ ކަމަށް، ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ސޫރިޔާގެ އިރުއުތުރު ސަރަހައްދުގައި އޮންނަ ކޭމްޕުން 23 ކުޑަކުއްޖަކާ އެ ކުދިންގެ 8 މަންމައިން، ޗާޓަރު ފްލައިޓެއްގައި ޖަރުމަނުވިލާތުގެ ފްރޭންފާޓް އެއާޕޯޓަށް ގެންދިޔައީ ޖީއެމްޓީ ގަޑިން ރޭ 22:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. މި އެންމެންނަކީވެސް ކުރުދީންގެ ކޮންޓްރޯލްގެ ދަށުގައި ވާ ރޯޖް ޖަލު ކޭމްޕުގައި ދިރިއުޅެމުން ދިޔަ މީހުންނެވެ.

ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ވިދާޅުވީ، ކުޑަކުދިންނަކީ އެ ކުދިން އެތިބި ހާލަތަށް ޒިންމާ ވާން ޖެހޭ ބައެއް ނޫން ކަމަށާ، އެބައި މީހުންގެ އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭނީ، އެކުދިންގެ މައިން ކަމަށެވެ.

މާސް ވިދާޅުވީ، ޖަރުމަނު މީހުން، ވަކިން ހާއްސަކޮށް، ކުޑަކުދިން އަނބުރާ ގެނެވުނު ކަމަށްޓަކާ އުފާ ކުރައްވާ ކަމަށެވެ. އަނބުރާ ގެނައި ކުދިންގެ ތެރޭގައި ގިނައީ ބަލި ކުދިން ނުވަތަ ޖަރުމަނުގައި އެމީހުން ބަލާނެ ބެލެނިވެރިން ތިބި ކުދިން ކަމަށްވެސް މާށް ވަނީ ފާހަގަ ކުރައްވާފައެވެ.

ޖަރުމަނުވިލާތުގެ ފެޑެރަލް ޕްރޮސެކިއުޓަރުން ވިދާޅުވީ، ފްރޭންކްފާޓް އެއާޕޯޓްގައި ފްލައިޓް ޖެއްސުމާއެކު، 3 އަންހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އެމީހުންނަކީ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮތް ކަމުގެ ތުހުމަތު އަމާޒުވާ މީހުން ކަމަށާ، އަދި އެމީހުންނަކީ ދަރިންގެ ބަފައިންގެ އިޒުނައާ ދެކޮޅަށް، އެމީހުންނާއެކު ދަރިން ގެންދިޔަ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ހަމަ މި އޮޕަރޭޝަންގެ ދަށުން، ޑެންމާކުން ވަނީ 14 ކުޑަކުއްޖަކާއި 3 އަންހެނަކު އެ ގައުމަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނަކީ އެމެރިކާގެ އަސްކަރީ އެހީގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ޖަރުމަނު ސަރުކާރުން ބުނެއެވެ.

މާޗް 2019 ގައި އައިސިސްގެ ބާރު، ސޫރިޔާއިން ކެނޑިދިޔަ ފަހުން، ގައުމުތަކުން ދަނީ އެ ޖަމާއަތާ ގުޅުން އޮތް އެ ގައުމުތަކުގެ މީހުން އަނބުރާ ގައުމަށް ގެންދިއުމާ މެދު ހަދާނެ ގޮތެއް ކަނޑައެޅުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ވިލާތުގެ ގިނަ ގިނަ ގައުމުތަކުން، މީހުން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރަނީ، ކޮންމެ ކޭހެއް ވަކިވަކިން ބަލާ، ދިރާސާ ކުރާ އުސޫލުންނެވެ.