ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރު ބްރޭންޑިން އިންސްޓިޓިއުޓްއިން ދޭ އޭޝިއާގެ ބެސްޓް އެމްޕްލޯޔަރު ބްރޭންޑް އެވޯޑު، ރާއްޖޭގެ މައި ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދައިފިއެވެ.

މިއީ ބީއެމްއެލް އަށް މި އެވޯޑު ލިބުނު ހަތަރު ވަނަ ފަހަރެވެ.

ބީއެމްއެލުން ބުނީ މި އެވޯޑު ލިބިފައިވަނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި، މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތާއި ކޮވިޑް-19 ގެ ދަތި ދުވަސްވަރުގައިވެސް މުވައްޒަފުންގެ ބޭނުންތައް ފުރިހަމަކުރުމަށް ބޭންކުން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންތައްތަކުގައި ކުންފުނިތަކުން އަމަލުކުރަމުންދާ ސިޔާސަތުތަކަށް ބެލުމަށްފަހު، އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ. މި އެވޯޑު ކުންފުނިތަކަށް ދެނީ އެޗްއާރުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބަށް ބެލުމަށް ފަހުގައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް އާ ބެހޭ ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ބީއެމްއެލް އަށް ހަތަރު ވަނަ ފަހަރަށް މި އެވޯޑް ލިމުބަކީ ލިބޭ އުފަލެއް ކަމަށާއި، ކޮވިޑުގެ ސަބަބުން ބޭންކުގެ ހިދުމަތްތަކަށް ކުރި އަސަރާއެކު، އެންމެ މުހިންމު އަމާޒަކަށްވީ ބޭންކުން ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި، މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ، ބޭންކުގެ ވަޒީފާގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުން ކަމަށެވެ.

"

އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން.
ސަހާ ވަހީދު,ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ

ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ބޮޑު އެއް ކުންފުނި ކަމަށްވާ ބީއެމްއެލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަކީ ދިވެހިން ކަމަށާއި، ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް މުވައްޒަފުންނާ ގުޅޭ ގޮތަށް އެކުލަވާލުމަށް ކަމަށް ބުންޏެވެ. އެގޮތުން ވަޒީފާ ދިނުމާއި ތަމްރީނު ދިނުމުގެ އިތުރުން މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބޭންކުން ބުންޏެވެ.