ދުބާއީގެ ވެރިޔާ ޝައިހް މުޙައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ކުރީގެ އަނބިކަނބަލުންގެ ފޯނު ހެކް ކުރައްވާފައި ވާ ކަމަށް، އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމާފައި ވާ އިރު، އެއީ އަދި އެންމެ ފުރިހަމަ ތަސްވީރު ނޫން ކަމަށް ވިދާޅުވެ، އެ އެ އިލްޒާމަށް، މަހްތޫމް އިންކާރު ކުރައްވައިއެވެ.
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ވަނައިގެ އުހުތެއް ކަމަށް ވާ، އަމީރާ ހާޔާ ބިންތު އަލް ހުސައިންގެ ފޯނު، މަހްތޫމު ހެކް ކުރެއްވި ކަމަށް ނިންމާފައި ވަނީ، އެ ދެމީހުންނަށް ލިބިވަޑައިގެންފައި ވާ ދަރީންގެ ހަލޯނާތު ނުވަތަ ކަސްޓަޑީ މައްސަލާގައެވެ.
މި މައްސަލާގައި ކޯޓުން ނިންމި ނިމުމުގައި ބުނެފއި ވަނީ، އިޒްރޭލުން ތަރައްގީ ކޮށްފައި ވާ ޕެގަސުސް ސޮފްޓްވެއާ ބޭނުންކުރައްވައިގެން، އަމީރާ ހާޔާއާއި އޭނާގެ އަރިސް ބައެއް ފަރާތްތަކުގެ ފޯނުތައް، ދުބާއީގެ ވެރިޔާ ހެކް ކުރައްވާފައި ވާ ކަމަށެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގައި އަމީރާ ހާޔާ ދިރިއުޅުއްވަމުން ގެންދަވާ ގެއާ ދާދި ކައިރިން ގެ ގަތުމަށް، މަހްތޫމްއަށް ހިދުމަތް ކޮށްދޭ ބަޔަކު މަސައްކަތް ކުރި ކަމަށްވެސްވެއެވެ. މިކަމުގެ ސަބަބުން އަމީރާ ހާޔާއަށް ނުރައްކާ ކުރިމަތިވެ، "ނޭވާލައްވާނެ ޖާގަވެސް ނެތްކަމަށް" އޭނާ ވަނީ ސިފަކުރައްވާފައެވެ.
އިންގްލަންޑްގެ ހައިކޯޓުގެ އަމުރާ ގުޅިގެން ދުބާއީގެ ވެރިޔާ ވިދާޅުވީ، ކޯޓުގެ ނިންމުމުގައި އިންސާފު ނެތް ކަމަށާ، އެ ނިންމުން ނިންމާފައި ވަނީ ފުރިހަމަ މަންޒަރަށް ބެލުމެއް ނެތި ކަމަށެވެ. ތުހުމަތުތަކަށް އަބަދުވެސް އިންކާރު ކުރައްވާ ކަމަށާ، އެގޮތުން މި ތުހުމަތަށްވެސް އިންކާރު ކުރައްވާ ކަމަށް މަހްތޫމް ވަނީ ވިދާޅުވެފައެވެ. އަދި މިކަންކަމީ ދައުލަތުގެ ސަލާމަތަށް ކަންބޮޑުވުން ކުރިމަތި ކުރުވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ދަރިންގެ ހަލޯނާތުގެ މައްސަލާގައި ހައިކޯޓުގައި ކުރިއަށް އަޑު އެހުމުގައި މަހްތޫމްގެ ފަރާތްޕުޅުން އެއްވެސް ވަރެއްގެ ތަމްސީލުވުމެއް ނެތް އިރު، މިއީ ފުރިހަމަ މަންޒަރު ފެންނަން ނެތް މައްސަލައެއް ކަމަށް ދުބާއީގެ ވެރިޔާގެ ބަޔާނުގައިވެއެވެ.
އިންގްލަންޑްގެ ހައިކޯޓުން މަހްތޫމްއާ ދެކޮޅަށް ނިންމުމެއް ނިންމާފައި މިވަނީ، އޭނާގެ ދެ ދަރިކަނބަލަކު ރަހީނު ކުރައްވާ، އެ ދަރިންގެ އިޒުނަޔާ ދެކޮޅަށް އެ ދަރިން ހައްޔަރުކޮށްގެން ގެންގުޅުއްވާ، އަނިޔާ ދެއްވި ކަމަށް ކޯޓުން ނިންމިތާ 19 މަސްދުވަސް ފަހުންނެވެ.