ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް އަދިވެސް އިންތިހާއަށް ބަރޯސާވެފައި ވާ އަދުގެ ދުނިޔޭގައި އޮޕަރޭޓް ކުރާ އެންމެ ބޮޑު ކާގޯ ބޯޓު، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓްގައި ބަނދުރުކޮށްފައި ވާ ކަން، އެ ގައުމުގެ ޕޯޓްސް އޮތޯރިޓީ (އެސްއެލްޕީއޭ) އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި މި ވަގުތު ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު ބޯޓު ކަމަށް ވާ އެމްވީ އެވާ އޭސް، ކޮލަމްބޯ ޕޯޓުގައި ބަނދަރު ކުރީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ހަބަރު ލިބެއެވެ.

400 މީޓަރު ދިގު އަދި 61.5 މީޓަރު ފުޅާ، އޭ-ކްލާސް ފެންވަރުގެ އެވާގްރީން، އެމްވީ އެވާ އޭސް އަކީ، 23992 ކޮންޓޭނަރުގެ ޖާގައިގެ މާސިންގާ ބޯޓެކެވެ.

ކާގޯ އުފުލުމުގެ ސިނާއަތުގައި މަޝްހޫރު އެވާގްރީން ކުންފުނިން، ޕެނަމާގައި ރަޖިސްޓްރީ ކޮށްގެން އޮޕަރޭޓް ކުރާ އެމްވީ އެވާ އޭސް، ކޮޅުނބަށް ކުރަމުން ދާ މި ދަތުރަކީ، އެ ބޯޓުގެ ފުރަތަމަ ދަތުރުގެ ބައެކެވެ. މި ބޯޓު، އޭގެ ފުރަތަމަ ދަތުރަށް ފުރީ ޖުލައި 28، 2021 ވަނަ ދުވަހުއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން ބައިނަލްއަގުވާމީ ޝިޕްންގް ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ މި ދަނޑިވަޅުގައި، ދުނިޔޭގައި އޮތް އެންމެ ބޮޑު، މުދާ އުފުލާ ބޯޓު، ސްރީލަންކާގެ ޕޯޓް އޮފް ކޮލަމްބޯގައި ބަނދަރު ކުރުމަކީ ލިބުނު ޝަރަފެއް ކަމަށް، އެސްއެލްޕީއޭޣެ ޗެއާމަން، ކެޕްޓަން ނިހާލް ކަޕެއްޓިޕޯލާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ، ކުރި އިތުބާރަށްޓަކާ، އެވާގްރީން ޝިޕިންގް އޭޖެންސީ ލަންކާ ޕވޓ ލޓޑ (ހިމާސް ގްރޫޕް) އަށް ޝުކުރު އަދާކޮށްފައެވެ. މި ގުރޫޕަކީ، އެވާގްރީންގެ ލަންކާ އޭޖެންޓެވެ.

ސްރީލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމްވީ އެވާ އޭސްއިން، 1600 ޓީއީޔޫގެ މުދާ، ލަންކާއަށް ބާލާނެއެވެ.