އާންމު ފާހާނާއަކާ ހިލާފަށް "ޕްރައިވެޓް" ގެއެއްގެ ބޭނުމަށް ބިނާ ކޮށްފައި ވާ، 2700 އެއްހާ އަހަރު ވީ، ފާހާނާއެއް ފެނިފައި ވާ ކަމަށް، އިޒްރޭލުގެ އާކިއޮލޮޖިސްޓުން ހާމަކޮށްފިއެވެ.

އެ ދުވަސްވަރާ އަޅާ ބަލާއިރު، މިއީ ލަގްރަޒީ ފެންވަރުގެ ފާހާނާއެކެވެ.

އިޒްރޭލުގެ ތަރިކައާ ބެހޭ އިދާރާ (އައިއޭއޭ) އިން ބުނީ، މި ފާހާނާ ފެނިފައި ފަނީ ގުދުސްގެ އޯލްޑް ސިޓީއޭ ކިއުނު ސަރަހައްދުންނެވެ. މި ފާހާނާ ހުރީ، ބޮޑު ގެއެއްގައި ކަމަށްވެސް ހަބަރު ލިބެއެވެ. އަދި ފާހާނާ އަޅާފައި ހުރީ، އެ ފާހާނާ ބޭނުން ކުރަމުން ދާއިރު، ކުރިމަތިން ހިތްގައިމު މަންޒަރެއްވެސް ފެންނަ ގޮތަށް ކަމަށް އައިއޭއޭއިން ބުނެއެވެ.

ދިގުއަކަ ބައްޓަމަށް އަޅާފައިވާ ފާހާނާގައި، ލައިމްސްޓޯންއިން ހަދާފައިވާ ތަށި ބަހައްޓާފައި ވަނީ ފުން ސެޕްޓިކް ޓޭންކެއްގެ މަތީގައި ކަމަށް ހަބަރު ލިބެއެވެ.

ގުދުސްއިން ފެނުނު 2700 އަހަރުވީ ލަގްޒަރީ ފާހާނާ / ފަޮޓޯ: ސީއެންއެން

ތާރީހީ ތަކެތި ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ ޔާކޯވް ބިއްލީގް ބުނާ ގޮތުގައި އެ ޒަމާނުގައި މި ފެންވަރުގެ ޕްރައިވެޓް ފާހާނާއެއް ހުރުމަކީ ވަރަށް މަދުން ނޫނީ ފެނިފައި ނުވާ ކަމެކެވެ. އަދި މިފަދަ ފާހާނާތަކަކީ މުއްސަނދިންނަށް ނޫނީ އަތް ނުފޯރާ ފެންވަރުގެ ތަންތަން ކަމަށްވެސް އޭނާ ބުނެއެވެ.

ފާހާނާ ތަށީގެ އަޑިން ފެނުނު ސެޕްޓިކް ޓޭންކު ތެރޭގައިވެސް ގިނަ އަދަދެއްގެ ޖާޑިއާއި، ޖަނަވާރުގެ ކަށި ހުރި ކަމަށް އައިއޭއޭއިން ވަނީ ހާމަކޮށްފައެވެ.

މި ތަކެތި ދިރާސާ ކޮށްގެން، އެ ޒަމާނުގެ މީހުންގެ ދިރިއުޅުން ހުރި ގޮތާ، ކައި އުޅުނު އެއްޗިއްސާ، ގަދީމީ ބަލިތަކާ ބެހޭ މައުލޫމާތު އެނގިގެން ދާނެ ކަމަށް އައިއޭއޭއިން ބުނެއެވެ.