އެއްބައެއްގެ ގޮތުގައި ކާބަފައިން ސުރެ އުޅެމުން އަންނަ ދިވެހިން ބައިބައި ކުރާ ނުރަނގަޅު ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނުމަކީ ޒިންމާއަކަށް ހަދަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދިވެހިންނަކީ ދިގު ތާރީހެއް އޮތް ބައެއް ކަމަށާއި މުއްސަނދި ސަގާފީ ތަރިކައަކާއި، ފަހުރުވެރި ގައުމިއްޔަތެއް އޮތް ބައެއް ކަމަށެވެ. ދިވެހިންނަކީ ސުލްހަޔާއި ހަމަޖެހުމާއި މަޑުމައިތިރި ކަމުގައި، މުއައްރިހުން މިސާލު ޖަހައި އުޅުނު ބައެއް ކަމަށާއި ދިވެހިންނަކީ ހަމްދަރުދީ އާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މަތީގައި، ދިރިއުޅުން ބިނާކުރި ބައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމީ ވާޖިބަކަށް ހަދަންވީ، ދިވެހިރާއްޖެއަށާއި ދިވެހިވަންތަ ކަމަށް، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖުތަމައަށް ނެރުމަށް. ދިވެހިވަންތަ ޝަހްސިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައި ދިނުމަށް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ނަމަވެސް، ނުރަނގަޅު ފިކުރުތައް ދިވެހިންގެ ތެރެއަށް ފަތުރައި، އިޖުތިމާއީ އަދަބު އަހްލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައި ކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށާއި އެއީ ޒިންމާއަކަސް ހަދަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އަހްލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި ތިބެ ދަރިން ތަރުބިއްޔަތު ކުރުމަކީ ވެސް ޒިންމާއަކަށް ހަދަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި، ގައުމިއްޔަތުގެ ރޫހު އުފައްދައި، ގައުމީ ލޯބި ދިރުވައި އާލާކުރުމުގެ އަޒުމް ކަނޑައެޅުމަކީ، މިފަދަ ގައުމީ މުނާސަބާތަކުގައި ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާ ކުރެވޭނީ، ގައުމީ ސިފަތަކަށާއި، ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެންކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމާވާލެއްވީ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ހިމާޔަތް ކުރުމަށާއި، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައިމާތް ﷲގެ މަދަދާއި ތައުފީގު ދެއްވުން އެދި ދުއާކުރައްވަމުންނެވެ. ދިވެހި ގައުމިއްޔަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަބަދުމެ އުޖާލާވެފައިވާ ގައުމިއްޔަތެއް ކަމުގައި ލެއްވުން އެދި އެމނަިކުފާނު ދިއާ ކުރެއްވިއެވެ.