އަންނަ ޖުމްހޫރީ ދުވަހު ބާއްވާ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރަން ފަށަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިރޭ ގައުމީ ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ފަރާތުން ގައުމީ އިނާމާއި، ހާއްސަ އިނާމު ދެމުން އަންނަ އިރު، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ހިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ހިދުމަތުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަންކޮށްފައި އަދި ނެތް ކަމަށެވެ. އެހެންކަމުން، އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަން ކުރަން ފެށުމަށް ނިންމާފައިވާ ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ގައުމީ ދުވަހާ ގުޅޭ ގޮތުން އިތުރަސް ވާހަކަ ފުޅު ދައްކަވަމުން ދުވަހާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިއަދު މި ފާހަގަ ކުރަނީ، ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުމަށާއި، އަމިއްލަ މިނިވަން ކަމަށާއި ސިޔާދަތަށް، އަދި ދިވެހިންގެ ގައުމިއްޔަތަށާއި، ދިވެހިންގެ ދީނީ އަގީދާއަށް ވެސް، އެންމެ ބޮޑު ނަސްރެއް ލިބުނު ދުވަސް ކަމަށެވެ. ދިވެހިންގެ އަމިއްލަވަންތަ ކަމަށާއި އެއްބައިވަންތަ ކަމަށް ވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސް ދިން ދުވަހަކީ ގައުމީ ދުވަސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ދޮށީ ގައުމިއްޔަތެއް. މިއީ ދިވެހި ކާބަފައިންގެ އެތައް ޖީލެއްގެ ފުށުން އަޅުގަނޑުމެންނަށް ވާރުތަކުރި ވަރަށް މަތިވެރި އަމާނާތެއް. މި އަމާނާތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިއަދު ދިވެހިންގެ އެންމެ އިސް ގައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީވެސް އެއީ ކަމަށާއި ގައުމީ ތަރައްގީއަށްޓަކައި ކުރާ ކޮންމެ ކަމެއް، އަދި ބައިނަލްއަގްވާމީ މުޖުތަމައާއެކު ގާއިމު ކުރާ ކޮންމެ ގުޅުމެއް، ބިނާކުރަނީ ވަރަށް ވަރުގަދަ ތަރަހައެއްގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދުގެ ދުނިޔެ ދަންނަނީ ސުލްހަޔާއި މިނިވަންކަމުގެ ބަސްމަގު ކަމަށާއި އަދުގެ ދުނިޔެ ގޮވާލަނީ، އެކުވެރިކަމާއެކު ލާމެހިގެން އުޅެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް، މިއަދުގެ ވިސްނުން ތަނެއްނުދޭ ކަމަށާއި އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަގްވާމީ މުޖުތަމައު ބީރައްޓެހި ކަންކަން ކަމަށް ވެސް އެމްނިކުފާނު ފާހަގަ ކުރެއްވިއެވެ. ބާރާއި ނުފޫޒަކީ، ސުލްހަޔާއި ހަމަޖެހުން ގާއިމު ކުރެވޭނެ ވަސީލަތެއް ނޫން ކަމަށާއި ދުނިޔޭގެ ހުރިހާ ދިމާއަކުން ލޯތަކަށް ފެންނަމުން ހާމަވަމުން އެދަނީ މި ހަގީގަތްކަމަށް ރައީސް ވިދާޅުވިއެވެ.