މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އިނާމު ދިނުމުގެ ކަންކަން ކުރިއަށް ގެންދާތީ އެ މައްސަލަ، 20 ނޫސްވެރިއެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ސިވިލް ކޯޓަށް މިއަދު އެ މައްސަލަ ހުށަހަޅާފައި ވަނީ އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުންނެވެ. ނޫސްވެރިންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމްގެ ފަރާތުންނެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފަ ވުމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން، ނޫސްވެރިކަމުގެ އިނާމު ދޭ ގޮތާމެދު ހިތްހަމަނުޖެހި ނޫސްވެރިން ކޯޓަށް ހުށަހަޅާފައި ވާއިރު ނޫސްވެރިކަމުގެ އިނާމުގެ މައްސަލަ ބޮޑުވެ، ރައީސަށް ސިޓީއެއް ވެސް ވަނީ ފޮނުވާފައެވެ. ރައީސަށް ފޮނުވި ސިޓީގައި ރާއްޖޭގެ 75 ނޫސްވެރިއަކު ސޮއިކޮށްފައި ވެއެވެ. އެ ސިޓީގައި ބުނެފައި ވަނީ މި ފަހަރުގެ ނޫސްވެރިކަމުގެ އިނާމު އަންނަ ހޯމަ ދުވަހުގެ ރޭ ދެނީ ފެބްރުއަރީ 22، 2021 ގައި އާންމު ކޮށްފައި ވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ ހިލާފަށް ކަމަށެވެ.

އޭގެ އިތުރުން އިނާމަށް މި އަހަރު ކުރިމަތިލި 10 މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ކަންބޮޑުވުން ފާޅުކޮށް، އެގޮތަށް އިނާމު ދިނުން ކުރިއަށް ނުގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ވެސް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ "މިހާރު"، "އަވަސް"، ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓް" އަދި "ވަގުތު" އެވެ.