ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލް ވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ސަރުކާރުން އަމަލު ކުރާ އާންމު އުސޫލަށް ބަދަލެއް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދަލުވީ، މީގެ ކުރިން ކޮރަޕްޝަން ފަދަ މައްސަލަތަކުގައި އޭސީސީން މައްސަަ ބަލައި ދައުވާ ކުރުމަށް ޕީޖީއަށް މައްސަަލަ ފޮނުވާ ހިސާބުން އެމީހަކަށް ސަރުކާރުން ފިޔަވަޅު އަޅާ ކަމަށެވެ. އެ ގޮތުން އެ މީހަކު ހުރި މަގާމުން ސަސްޕެންޑް ކޮށްފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ފަހުން އެ ފަދަ މައްސަލަތަކުގައި ޕީޖީން މައްސަލަ ބެލުމުގައި ލަސްތަކެއް ހުރި ކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، ބައެއް މައްސަލަތައް ބެލުމަށް ފަހު އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއަށް އަނބުރާ ފޮނުވާލާފައި އެބަ ހުރި ކަމަށާ، އެހެންކަމުން މި ބަދަލު ގެނެސް މިހާރު އަމަލު ކުރާ އުސޫލު މަބްރޫކް ހާމަ ކުރެއްވިއެވެ.

"ކުރިން އަޅުގަނޑުމެން އަމަލު ކުރަމުން އައި އުސޫލަކީ ޕީޖީއާ ހަމައަށް މައްސަލަ ދާ އިރަށް ސަސްޕެންޝަން އަށް ދަނީ. މިނިސްޓަރު ލެވެލްގައި އެކަން އެ ދިމާވީ، ދެން އަޅުގަނޑުމެންނަށް ނޮޓިސްވާ އަނެއް ކަމަކީ އެ ގޮތަށް އަމަލު ކުރީމަ ޕީޖީން ވަރަށް ދުވަސް އެބަދޭ ވަކިގޮތެއް ނިންމުމުގައި، އަދި އަނބުރާ ފޮނުވާލަފާނެ މައްސަަލަ އަނބުރާ އޭސީސީއަށް ވެސް. އެހެންވީމަ އާންމުކޮށް އަމަލުކުރާ އުސޫލަށް މި ގެނައީ ބަދަލަކީ ޕީޖީން މައްސަލަ ބަލައި ކޯޓަށް މައްސަލަ ފޮނުވީމަ އަޅުގަނޑުމެން ފިޔަވަޅު އަޅާ ގޮތަށް."
މުހައްމަދު މަބްރޫކް އަޒީޒް

މިހާރު އެފަދަ މައްސަލަތަކުގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅުމުން ސަރުކާރުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ޕީޖީން އެ މައްސަލައިގައި ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހެޅުމުން މެނުއީ ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ގޮތުން ދާދި ފަހުން ޓްރާސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ހަ މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލައިގައި ސަރުކާރުން ގޮތެއް ނުނިންމާ މަޑު ކުރަނީ ޕީޖީގެ ނިންމުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި މައްސަލައިގެ ކުރިން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްހެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައެއް އޮތް ކަމަށް ބުނެ އޭސީސީން ވަނީ ޕީޖީއަށް މައްސަލައެއް ހުށަހަޅާފައެވެ. އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، އެންމެ ފުރަތަމަ މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރިލް 16، 2019 ގައެވެ.

ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ އޭނާ ވަނީ އަނެއްކާ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރުމަށް ފަހު އޭރު ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ގިނަވެގެން 6 ދުވަސްތެރޭ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ވަކި ގޮތެއް ނުނިންމާ އޮންނަތާ މިއަދާ ހަމައަށް ވަނީ 119 ދުވަސް ވެފައެވެ.