މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ޕްލާސްޓިކް ހުއްޓާލާ މިއަހަރު ފަހުކޮޅު ބިއްލޫރި ފުޅީގައި ބާޒާރަށް ފެން ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މި ސަރުކާރުގެ އެ އަމާޒަކަށް ޕްލާސްޓިކް މަދުކުރުން ނުވަތަ ނައްތާލުން ވެފައި ވާއިރު، އެ ކުންފުނިންވެސް އެ އަމާޒަށް ވާސިލްވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން، ބިއްލޫރި ފުޅީގައި ފެން ބޭނުންކުރަން ފެއްޓުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވެ، އިޓަލީގައި އެމްޑަބްލިއުއެސްސީގެ ބޮޓްލިން ޕްލާޓެއް މިހާރު ތައްޔާރު ވެފައިވާ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

މި ބިއްލޫރި ފުޅިތައް އުފެއްދުމަށް ހަވާލުކޮށްފައި ވަނީ ޗައިނާ ކުންފުންޏަކަށް ކަމަށް ފާހަގަ ކުރައްވާ ޝާހު ވަނީ ކޮވިޑް19އާ ގުޅިގެން މިއައި ގޮންޖެހުންތަކުގެ ސަބަބުން ދަތިތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޗައިނާ ކުންފުނިން އުފެއްދި 5000 ފުޅި ޓެސްޓުކުރުމަށް އިޓަލީއަށް ފޮނުވަން ޖެހޭ ކަމަށާއި އެ ދޭތެރޭގެ ދަތުރުފަތުރުގައި އުޅޭ ކުދި ކުދި ދަތިތަކެއްގެ ސަބަބުން ލަސްތަކެއް އަންނަ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވަނީ ޓެސްޓުކޮށް ނިމުނުހާ އަވަހަކަށް ރާއްޖެ ގެނެސް ނޮވެމްބަރު ނުވަތަ ޑިސެންބަރު ތެރޭގައި މާކެޓަށް ނެރޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޝާހު ވަނީ އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދެމުން އަންނަ އިސްކުރުފެން މީޓަރާ ހަމައަށް ބޯން ބޭނުންކުރަން ރައްކާތެރި ފެނެއް ކަމުގައި ވިދާޅުވެ އެކަމަށް 99 ޕަސެންޓްގެ ޔަގީންކަންވެސް ދެއްވާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯއިންވެސް ވެސް ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައިފައެވެ.