މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުސަންގެ މައްސަލައިގައި ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކުރުމުން މިނިވަންވެފައި ހުރި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމްކުރުމާ ގުޅިގެން 6 އަހަރު ފަހުން އަނެއްކާވެސް ޝިމާޒް ހައްޔަރުކޮށްފިއެވެ.

މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި މާޗް، 2011 ގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަސީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން 2014 ގައި ނިންމާފައި އޮތީ އެ ދެ މީހުުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އޭގެ ތެރެއިން ޝަހުމަކީ މަރުގެ އެހެން މައްސަލައެއްގައި މިހާރު ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އެއީ ޔޫތް ސެންޓަރު ކައިރީގައިވާ ފުޓްބޯޅަ ދަނޑުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލަ ޝަހުމްގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާ އެކު މިދިޔަ ހަ އަހަރު ޝިމާޒް ހުރީ މިނިވަނެއްގެ ގޮތުގައި މުޖުތަމައަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ޝިމާޒްގެ އަދަބާ މެދު ގޮތެއް ނިމެންދެން 10 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކުމް އިއްވަވަމުން ވިދާޅުވީ އަހުސަން ހަމަލާދިނީ ޝަހުމް ކަމަށް ހެކިން ބުނެފައިވާއިރުު، ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔައީ ޝިމާޒް ކަމަށް ހެކިން ބުނާ ކަމަށެވެ.

"މަރުގެ ތުންފަތް މަތީގައި އޮންނަ މީހަކު ދޮގެއް ނަހަދާނެ" ކަމަށް ބުނާ ގާނޫނީ އުސޫލެއް އޮންނަ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު އޭނާގެ މަރާ ގުޅޭގޮތުން ދައްކާ ވާހަކަ ކޯޓުތަކުން ބަލައިގަނެވޭނެ ކަމަށް ގިނަ ގައުމުތަކުގައި ބަލަމުން އަންނަ ކަމަށެވެ.

މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ނުވަތަ ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުކުރި ފުރަތަމަ ފަހަރެވެ.