އިންޑިއާ އާ އެކު ސަރުކާރުން ވެފައިވާ އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުން ސިއްރު ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުރުސަތު ނުދޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދިދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތުތައް ހާމަކޮށްފި ނަމަ، އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމަށް ޑިފެންސް މިނިސްޓްރީން އިއްޔެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމެއްގައި ބުނުމާ ގުޅިގެންނެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނީ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" އިން އުތުރުތިލަފަޅުގެ އެއްބަސްވުމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީއަށް ހުށަހެޅުމުން އެ މައުލޫމާތު ނުދިނުމާއި ގުޅިގެން، އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހެޅި މައްސަލާގައި ބޭއްވި އަޑު އެހުމެއްގައެވެ.

ޑރ. ދީދީ ވިދާޅުވި ގޮތުގައި އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ބައިނަލްއަގުވާމީ ބައިލެޓަރަލް އެއްބަސްވުމެއް ކަމަށްވާއިރު، އެފަދަ އެއްބަސްވުމެއް ސިއްރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ދުސްތޫރީ ނިޒާމުން ނުދޭ ކަމަށާއި، އެ އެއްބަސްވުން ސިއްރު ކުރުމަކީ ގައުމުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ސިއްރު ކުރުމަށް ރާއްޖޭގެ ނިޒާމުތަކުން ފުރުސަތު ނުދޭ ކަމަށް ޑރ. ދީދީ ވިދާޅުވިއިރު، އުތުރުތިލަފަޅުގެ އެއްބަސްވުމެއް ކަމަށް ބުނެ، މީގެ ކުރިން ސޯޝަލް މީޑިއާގައި ލިޔެކިއުންތަކެއް ދައުރުވުމާ ގުޅިގެން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާފައެވެ

މީގެ އިތުރުން، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ އަސްލު ހޯދައި، މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް، އެ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ކަމެއް ހުރިތޯ ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިދިކޮޅު ކޯލިޝަނުގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ދާދިފަހުން އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މިދިޔަ މާޗުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ލީކުވެފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔުންތަކަކީ އަސްލެއް ނޫން ކަމަށާއި، އެއީ ޑްރާފްޓުތަކެއް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.