6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އަލުން ދެވެން ފަށާފައި ވާ ކަމަށް، މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި، ފޭސްބުކްއިން ބުނެފިއެވެ.

ޖީއެމްޓީ ގަޑިން އިއްޔެ ހަވީރު 16:00 ހާއިރުން ފެށިގެން ފޭސްބުކް، ވަޓްސްއެޕް އަދި އިންސްޓަގްރާމްގެ ހިދުމަތްތައް ދުނިޔޭގެ ހުރިހާ ހިސާބަކުންހެން މެދުކެނޑިގެން ދިޔައެވެ. ފޭސްބުކް ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ މި 3 ޕްލެޓްފޯމްގެ ހިދުމަތް މެދުކެނޑިގެން ދިޔައިރު، ވެބް އަދި ސްމާޓްފޯން އެޕްލިކޭޝަން މެދުވެރިކޮށްގެންވެސް މި ޕްލެޓްފޯމްތަކުގެ ބޭނުން ހިފޭ ގޮތް އޮތީ ނުވެފައެވެ.

އެކި ހިސާބުތަކަށް، އެކި ދުވެލީގައި ހިދުމަތް ދޭން ފަށާފައި ވަނީ ޖީއެމްޓީ ގަޑިން 22:00 ހާއިރުއެވެ.

މިފަދަ ހިދުމަތްތައް މެދުކެނޑޭކެނޑުން ވިލަރެސް ކުރަމުން އަންނަ ޑައުން ޑިޓެކްޓާއިން ބުނީ، މިއީ ފޭސްބުކް ކުންފުންޏަށް ކުރިމަތިލާން ޖެހުނު މިފަދަ އެންމެ ބޮޑު ފެއިލްވުން ކަމަށެވެ. އެގޮތުން، ދުނިޔޭގެ ހުރިހާ ހިސާބަކުން، 10.6 މިލިއަނަށް ވުރެ ގިނަ ޝަކުވާގެ ރިޕޯޓް ހުށަހަޅާފައި ވާ ކަމަށް ޑައުން ޑިޓެކްޓާ އިން ބުނެއެވެ.

އެންމެ ފަހުން ފޭސްބުކްއަށް މި ދަރަޖާގައި، މިފަދަ މައްސަލައެއް ކުރިމަތިވީ 2019 ވަނަ އަހަރުއެވެ.

ފޭސްބުކްއިން ވަނީ ރޭގެ ހާދިސާއާ ގުޅިގެން، ކަސްޓަމަރުންގެ ކިބައިން މައާފަށް އެދި، ޓްވީޓްކޮށްފައެވެ. އަދި 100 ޕަސެންޓް ގިއަރުގައި ހިދުމަތް އަލުން ދިނުމަށް ވަގުތުތަކެއް ހޭދަ ވެދާނެ ކަމަށް، އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މައިކް ޝްރޮއެފާ ވަނީ ބުނެފައެވެ.

ފޭސްބުކް ކުންފުނީގެ ހިދުމަތްތަކަށް ބުރޫ އަރާ، ދުނިޔޭގެ ހުރިހާ ހިސާބަކަށް ހިދުމަތް މެދުކެނޑިގެން ދިޔައީ، ވިސަލްބްލޯވަރެއްގެ ގޮތުގައި އެ ކުންފުނީގެ ހައްސާސީ މައުލޫމާތުތަކެއް ތިލަކޮށްދިން ކުރީގެ މުވައްޒަފު، އޭނާގެ ޝަހްސު ހާމަކުރިތާ 1 ދުވަސް ފަހުންނެވެ. ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި، ފްރާންސިސް ހޯގެން ވަނީ، ފޭސްބުކް ކުންފުންޏަކީ، ރައްކާތެރި ކަމަށް ވުރެ ބޮޑަށް، ނެޓްވޯކް ފުޅާ ކުރުމަށް އަމާޒު ހިފާފައިވާ ކުންފުންޏެއް ކަމަށް ބުނެފައެވެ.

އޮންލައިން ނެޓްވޯކިންގް ތަޖުރިބާކާރުން ދަނީ، މިއީ ޑީއެންއެސް ނުވަތަ ޑޮމެއިން ނޭމް ސިސްޓަމަށް މައްސަލަތަކެއް ދިމާވެގެން ހިނގި ހާދިސާއެއް ކަމަށް ވަކާލާތު ކުރަމުންނެވެ. ކަން މިހެން އޮތް އިރު، ހިދުމަތް މެދުކެނޑެން ޖެހުނު ސަބަބެއް ފޭސްބުކް ކުންފުނިން އަދިވެސް ރަސްމީ ކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.