ސޯޝަލް މީޑީއާގައި ކުރީގެ ރައީސް އަބްދުﷲ ޔަމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރައީސް ޔާމީން އަވަހާރަ ކޮށްލަން ގޮވީ އަބްދުލްހަމީދުގެ ނަމުގައި ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުންނެވެ. އެ މީހާ އެހެން ބުނީ ރައީސް ޔާމީނާ ގުޅޭ ގޮތުން އެހެން މީހަކު ކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއް މެދުވެރިކޮށެވެ. އެ ކޮމެންޓް ކުރި މީހާ ބުނެފައި ވަނީ "ރައީސް ޔާމީނަކީ މަރަންޖެހޭ މީހެއް" ކަމަށެވެ.

ޕީޕީއެމް އިން ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކްގައި އަބްދުލް ހަމީދު ކިޔާ މީހަކު ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށާއި ރައީސް ޔާމީނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޕީޕީއެމް އިން ފުލުހަށް ހުށަހެޅި ސިޓީގައި އެދިފައި ވެއެވެ.

މި ފަހަކަށް އައިސް ކުރީގެ ރައީސުން އަވަހާރަކޮށްލަން ގޮވާލާ މައްސަލަ ތައް އަންނަނީ ގިނަ ވަމުންނެވެ. އެ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ގޮވާލިމައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.