އޮމާންއާއި އީރާންގެ އެކި ހިސާބުތަކަށް އާދީއްތަ ދުވަހުގެ ވަގުތެއްގައި އެރި ވަރުގަދަ ތޫފާން ޝާހީންގައި، މަރުވި މީހުންގެ އަދަދު 9 އަށް އަރައިފިއެވެ.

ގަޑިއަކު 120 އާއި 150 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހެމުން ދިޔަ ތޫފާން ޝާހީންގެ ސަބަބުން، އޮމާންއާއި އީރާންގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އޮމާންއިން ވަނީ، ތޫފާނަށް ތައްޔާރު ވުމުގެ ގޮތުން، އައްސޭރިފަށުގެ ސަރަހައްދުތަކުން، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކޮށްފައެވެ. ވެރިރަށް މަސްކެޓްގެ މަގުތައް މިހާރު ވަނީ މުޅިންހެން ފެނު އަޑީގައެވެ.

އީރާނުން ހަބަރު ދޭ ގޮތުގައި، ދެކުނު އިރުމަތީ ސިސްތާން ބަލޫޗިސްތާނުން މި ތޫފާނުގައި 6 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އީރާންގެ ރަސްމީ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ ހަބަރު ބުނާ ގޮތުގައި، ކަރަންޓު ފެސިލިޓީތަކާ، މަގުތަކަށްވެސް ވަނީ ގެއްލުން ވެފައެވެ.

ތޫފާން އެރުމުގެ ކުރިން، ހިނގި ފެން ބޮޑުވުމުގެ ހާދިސާގައި އޮމާންއިން ބަޔަކު މަރުވި ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

އޮމާންއާ ބޯޑަރު ހިއްސާކުރާ އެކުވެރި އަރަބި އިމާރާތުގެ އަލް-އައިން ސަރަހައްދުގެ ރަށްވެހިން، މިއަދު ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ފިޔަވަޅަކީ، ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ގެއިން ބޭރަށް ނިކުމެ އުޅުން ހުއްޓުވުމަށް އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.

ޔޫއޭއީއިން ދަނީ ތޫފާނަށް ތައްޔާރު ވުމުގެ ގޮތުން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ގެއްލުން ދެނިވި މިފަދަ ތޫފާންތައް، ގަލްފް ސަރަހައްދުގައި، ދޭތެރެ ދޭތެރެއިން އުފެދެއެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި، އޮމާންގެ އުތުރުގެ ސަރަހައްދަށްވެސް އިންތިހާއަށް މޫސުން ގޯސްވި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.