ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަތްގަދަ ކުރަމުން އަންނަ ލީޑަރުންނާ، ސިޔާސީ ޝަހްސުންނާ، ބިލިއަނަރުން ހިންގާފައިވާ މުޑުދާރު، މާލީ މުއާމަލާތްތަކާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލައިފިއެވެ.

"ޕެންޑޯރާ ޕޭޕާޒް" ނަމުން މުހާތަބު ކުރާ މި ލިޔުންތަކުން މާލީ ފަތިފުށް ހާމަވި ޝަހްސުންގެ ތެރޭގައި މީގެ ކުރިންނާއި މިހާރުވެސް ގައުމުތަކުގެ ވެރިކަން ކުރައްވަމުން ގެންދަވާ 35 ލީޑަރުންނާ، 300 އަށް ވުރެ ގިނަ އާންމު އޮފިޝަލުން ހިމެނެއެވެ.

މި ކަރުދާސްތަކުން އާންމު ވެފައި ވާ ބައެއް ތަފްސީލުތަކަށް ބަލާއިރު، އުރުދުންގެ ޢަބްދުﷲ ރަސްގެފާނު އެމެރިކާއާއި އިނގިރޭސިވިލާތުން 70 މިލިއަން ޕައުންޑް ހޯއްދެވި ގޮތާއި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާއި އަނބިކަނބަލުން، އިނގިރޭސިވިލާތުން އޮފީހެއް ބައްލަވައިގަތުމުގައި ސްޓޭމްޕް ޑިއުޓީއިން 312000 ޕައުންޑް ރައްކާ ކުރެއްވިކަން ހާމަވެއެވެ.

މީގެ އިތުރުން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން، މޮނާކޯގައި ގެންގުޅުއްވާ ސިއްރު އެސެޓްތަކުގެ ވާހަކަވެސް "ޕެންޑޯރާ ޕޭޕާޒް"ގައިވެއެވެ.

ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން/ފޮޓޯ: ރޮއިޓާޒް

"ޕެންޑޯރާ ޕޭޕާޒް" އަކީ، ދުނިޔޭގެ ވަރުގަދަ ޝަހްސުންގެ މާލީ ފަތިފުށް ލީކު ކުރުމުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ސިލްސިލާއެވެ. މީގެ ކުރިން، "ފައިންސެން ފައިލްސް"، "ޕެރަޑައިޒް ޕޭޕާޒް"، "ޕެނަމާ ޕޭޕާޒް" އަދި "ލަކްސްލީކްސް"ގެ ގޮތުގައި، މިފަދަ މައުލޫމާތުތައް ލީކު ކޮށްފައިވެއެވެ.

"ޕެންޑޯރާ ޕޭޕާޒް"އަކީ، އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް ނުވަތަ ތަހުގީގީ ނޫސްވެރިންގެ ބައިނަލްއަގުވާމީ އިއްތިހާދުން މިހާތަނަށް އެކުލަވާލި މިފަދަ އެންމެ ބޮޑު ދިރާސާއެވެ. މި މަސައްކަތުގައި، ދުނިޔޭގެ އެކި ހިސާބުތަކުން 450 އަށް ވުރެ ގިނަ ނޫސްވެރިން ބައިވެރިވިއެވެ.

"ޕެންޑޯރާ ޕޭޕާޒް" ގައި 12 މިލިއަނެއްހާ މާލީ ލިޔެކިއުމެއް އެކުލެވެއެވެ. މި މައުލޫމާތު އެއްކޮށްފައި ވަނީ، ބްރިޓިޝް ވާޖިން އައިލަންޑްސް، ޕެނަމާ، ބެލީޒް، ސައިޕްރަސް، އެކުވެރި އަރަބި އިމާރާތް، ސިންގަޕޫރު އަދި ސުވިޓްޒަލޭންޑް ފަދަ ގައުމުތަކުގައި މާލީ ހިދުމަތް ދޭ 13 ކުންފުންޏެއް މެދުވެރިކޮށެވެ. މި ތަފާސް ހިސާބުތަކުގައި 2.94 ޓެރަބައިޓްގެ މައުލޫމާތު އެކުލެވެއެވެ.

އާންމު ވެފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ބައެއް ޝަހްސުންނާ ދެކޮޅަށް، ކޮރަޕްޝާނާ، ކަޅު ފައިސާ ދޮވުން އަދި ޓެކްސްއަށް ފިއްލެވުން ފަދަ ބޮޑެތި ޖަރީމާތަކެއްގެ ތުހުމަތު އަމާޒުވެއެވެ.

އެހެން ނަމަވެސް، "ޕެންޑޯރާ ޕޭޕާޒް" އިން ހާމަވި އެއް ކަމަކީ، އިނގިރޭސިވިލާތުން ސިއްރިއްޔާތުގައި ބިން ބައްލަވައިގަތުމަށްޓަކާއި "ވަރުގަދަ" ޝަހްސުން، ކުންފުނިތަކުގެ ނާޖާއިޒު ފައިދާ ނަންގަވާފައި ގޮތެވެ. މި މުއާމަލާތާ ގުޅިފައިވާ 95000 އޯފްޝޯ ކުންފުންޏެއްގެ ވެރިންނާ ބެހޭ މައުލޫމާތު، "ޕެންޑޯރާ ޕޭޕާޒް"އިން ވަނީ ހާމަވެފައެވެ.

އަދި އޯފްޝޯ ކުންފުނިތައް ދަފުތަރު ކުރުމަށް އިނގިރޭސި ސަރުކާރުން ފެއިލްވެފައި ވާ މިންވަރުވެސް މި ކަރުދާސްތަކުން އަންގައިދެއެވެ. ކަޅު ފައިސާ ދޮވުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި ވާ އަދުގެ ދުނިޔޭގައި، މިފަދަ ގޮތަކަށް ހިންގާ ކުންފުނިތަކުގެ ދަފުތަރު ބެލެހެއްޓުމަށް އިނގިރޭސި ސަރުކާރުން ވަނީ ތަކުރާރުކޮށް ވައުދުވެފައެވެ.

"ޕެންޑޯރާ ޕޭޕާޒް" ގައި 12 މިލިއަނެއްހާ މާލީ ލިޔެކިއުމުގެ ތެރޭގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާ ގުޅޭ ވާހަކަތަކެއްވެސް ވޭ / ފޮޓޯ: ދިއިންޑިއަން އެކްސްޕްރެސް

އޯފްޝޯ ކުންފުނިތަކަކީ ބޯޑަރު ހުރަސްކޮށް ގާއިމުކޮށްފައިވާ ކުންފުނިތަކުގެ ނެޓްވޯކެކެވެ. މިފަދަ ކުންފުނިތަކަކުގެ ސަބަބުން، ފައިސާއާއި އެސެޓް މިލްކު ކުރާ ގޮތުގެ ފުރިހަމަ ވަނަވަރުތައް ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކަށް ސިއްރު ކުރުމުގެ ފުރުސަތު އޮވެއެވެ. މިސާލަކަށް ގައުމެއްގައި މީހެއްގެ ބިމެއް އޮވެދާނެއެވެ. ނަމަވެސް އޭނާ އެ ބިން މިލްކު ކޮށްފައި ވާނީ، އެހެން ގައުމުތަކުގައި ގާއިމު ކޮށްފައިވާ ކުންފުނިތަކުގެ ޗޭނެއް ނުވަތަ އޯފްޝޯ ކުންފުނިތަކެއް މެދުވެރިކޮށް، އެ ނަމުގައެވެ. އޯފްޝޯ ކުންފުނިތަކަކީ ގާއިމު ކުރަން ފަސޭހަ ކުންފުނިތަކެކެވެ. އަދި މި ކުންފުނިތަކުގެ ވެރިން ދެނެގަތުމަކީވެސް ގާނޫނީ ގޮތުން ތަކުލީފު ބޮޑު ކަމެކެވެ. ޓެކްސްގެ ތަކުލީފުތަކުން މިންޖު ލިބެއެވެ.

މި މޭރުމުން އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް އާއި އޭނާގެ އާއިލާއިން، އަމިއްލަ ގައުމު ލޫޓުވާލެއްވި ގޮތުގެ ތަފްސީލުތައް، "ޕެންޑޯރާ ޕޭޕާޒް"ގައި ގެނެސްދީފައިވެއެވެ. އެގޮތުން، އަލިޔޭފްގެ އާއިލާއާއި، އެ އާއިލާގެ ގާތް ބަޔަކު، އިނގިރޭސިވިލާތުން ބިން ބައްލަވައިގަތުމަށް ހިންގެވި މުއާމަލާތްތަކުގެ އަގު، 400 މިލިއަން ޕައުންޑަށް އަރާކަން ހާމަވެއެވެ.

އޯފްޝޯކޯށް ފައިސާ ފޮރުވުމަކީ ފަސޭހަ ކަމެކެވެ. ކުރަން ޖެހޭހާވެސް ކަމަކީ ސިއްރު ހިފަހައްޓަން ވަރުގަދަ ގައުމެއްގައި ޝެލް ކުންފުންޏެއް ހުޅުވުމެވެ. މި ފަދަ ކުންފުނިތަކަކީ ހަމައެކަނި ނަމެއްގައި އޮންނަ ކުންފުނިތަކެކެވެ. މުވައްޒަފެއް ނުވަތަ އޮފީހެއްވެސް ނުހުންނާނެއެވެ.

ފާހަގަ ކުރަން ޖެހޭ ކަމަކީ، އިނގިރޭސިވިލާތުން ބިމާއި ހަރު މުދާ ބައްލަވައިގަތުމުގައި މި ޝަހްސުން، ޣައިރު ގާނޫނީ އަމަލެއް ހިންގަވާފައި ނުވާ ކަމެވެ. ހުރިހާ ލިޔެކިއުންތަކެއް، ގާނޫނީ އިމުގެ ތެރޭގައި ހުރި ކަމެވެ.

"ޕެންޑޯރާ ޕޭޕާޒް" އިން ފަތިފުށް އާންމުވި ލީޑަރުންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކެބިނެޓްގެ ވަޒީރުންނާއި އެ މެންބަރުންގެ އާއިލާތައް ހިމެނެއެވެ. އެގޮތުން އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި މުދަލާ ކުންފުނީގެ ވާހަކަ، މި ކަރުދާސްތަކުގައިވެއެވެ.

ދުނިޔޭގެ ނުފޫޒުގަދަ ޝަހްސުން ހިންގާފައިވާ ޖަރީމާތަކުން އެންމެ ފަހުން އާންމުވި މައުލޫމާތަށް ބަލާއިރު، މާލީ އަގު 5.6 ޓްރިލިއަންއާއި 32 ޓްރިލިއަނާ ދެމެދު މިންވަރަކަށް އަރާނެ ކަމަށް އައިސީއައިޖޭއިން ލަފާ ކުރެއެވެ. ޓެކުހަށް ފިލޭ މިފަދަ ޖަރީމާތަކުން، އަހަރެއްގެ މައްޗަށް 600 ބިލިއަނެއްހާ ޑޮލަރު، ދުނިޔޭގެ މާލިއްޔާތަށް ގެއްލެއެވެ.