ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު 3 ވަނަ ދުވަސް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް މިގޮތަސް ނިންމަވާ އެކަން އިއުލާން ކުރެއްވީ މިރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބިލްގެ ތީމް ލަވަ އިފްތިތާހު ކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި މިހާތަނަށް ވަކި ދުވަހެއް ކަނޑައަޅާފައި ނުވާތީ މިހާތަނަށް ރާއްޖޭގައި އެ ދުވަސް ފާހަގަ ކުރަމުން ދިޔައީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 27 ވަނަ ދުވަސް ކަމަށެވެ.
އެހެން ކަމުން، ކުރުނބާ ވިލެޖް ގެ ނަމުގައި ރާއްޖެގައި ފުރަތަމަ ރިސޯޓް ހުޅުވި ދުވަސް، އޮކްޓޯބަރު 3 ވަނަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައި ނިންމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތަރައްގީ ވެގެން އައީ އިޓަލީ ވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން، ކެރަފާ އަހްމަދު ނަސީމާއެކު މޯލްޑިވްސް އެކްސްޕްލޯ ކުރަން 1971 ވަނަ އަހަރު ކަނޑުމަގުން ކޮޅުނބުން ރާއްޖެއަށް ކުރި ދަތުރަށް ފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އޭރު ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރެވި ތަރައްގީ ކުރެވުނީ އޭރުގެ ޒުވާނުންގެ ގޮތުގައި ތިބި ގިނަ ބަޔަކު ކުރި ބުރަ މަސައްކަތްތަކަކާ އެކުގައި ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އޭރުގެ އެ މަސައްކަތް ފުޅާ ކުރުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ވެސް ހުރި ދުވަސްވަރެއް ކަމަށާއި އެ ގޮންޖެހުންތަކާ އެކުގައި ވެސް ކުރި މަސައްކަތުގެ ނަތީޖާ ފެންނަން އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށް މިހިސާބަށް ގަނައުމުގައި އަހްމަދު ނަސީމްގެ އިތުރުން އެމްޔޫ އަހްމަދު އުމަރު މަނިކު އަދި ޗަންޕާ ހުސައިން އަފީފް ކޮށްދެއްވާފައި ވާ މިންނަތް މަސައްކަތަކީ ފާހަގަ ކުރަންޖެހޭ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ މަސައްކަތް ތަކަށް ހާއްސަ ޝުކުރެއް ރައީސް ވަނީ މިރޭގެ ހަފްލާގައި ދަންނަވާފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތް މުޑުވަށް ކުރުމުގައި އިތުރަށް ވެސް މަސައްކަތް ކުރި ބޭފުުންގެ ވާހަކަތައް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އެ ގޮތުން މުހައްމަދު ވަހީދު (ވަހީދުއްދީން) އާއި ގާސިމް އިބްރާހިމް އާއި ޔުނިވާސަލް އެންޓަޕްރައިސަސް، ސަފާރީ ޓްއާސް، ސަން ޓްރެވަލްސް، ޗަންޕާ ބްރަދާސް ފަދަ ތަންތަނަކީ ފަތުރުވެރިކަން ފުޅާ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.